ކާބުލް (ޑިސެމްބަރ 9): އަފްގާނިސްތާނުގެ ކަންދަހާރު އެއާޕޯޓް ކޮމްޕްލެކްސްއަށް ތާލިބާނުން އިއްޔެ ވަދެ ވަރުގަދަ ހަމަލާތައްދީ ނުވަ މީހަކު މަރާލައިފި އެވެ.

ކަންދަހާރު އެއާޕޯޓް ކޮމްޕްލެކްސްއަކީ އެމެރިކާ އާއި އަފްގާނިސްތާނުގެ އަސްކަރިއްޔާ އާއި ޖާސޫސީ ފައުޖުތަކުން ބޭނުން ކުރާ މުހިންމު ކޮމްޕްލެކްސްއެކެވެ.

އަފްގާނިސްތާނުގެ އަސްކަރިއްޔާގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ޖާނުން ފިދާވެގެން ހަމަލާ ދިނުމަށް ތައްޔާރުވެގެން ތިބި ބަޔަކު އެއާޕޯޓަށް ވަނުމަށްފަހު ވަނީ އެ ސަރަހައްދުގައި ހުރި ކުރީގެ ސްކޫލް އިމާރާތަކަށް ވަދެފަ އެވެ. އަދި އެ އިމާރާތުގައި ތިބެގެން އަފްގާނިސްތާނުގެ އަސްކަރިއްޔާއާ ފަސް ގަޑި އިރު ވަންދެން ހަމަލާ ބަދަލު ކުރި ކަމަށް އޮފިސަރު ވިދާޅުވި އެވެ.

އެ ހަމަލާތަކުގައި ނުވަ މީހަކު މަރުވެ 15 މީހަކު ޒަހަމްވި އެވެ. ހަމަލާތަކުގައި މަރުވީ އަދި އަނިޔާވީވެސް އެ ކޮމްޕްލެކްސްގައި ހުރި ފިހާރަތަކުގައި ތިބި އާއްމުން ކަމަށް ލަފާކުރެވޭ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ތާލިބާނުންނަށް ތާއިދު ކުރާ ވެބްސައިޓެއްގައި އެ ޖަމާއަތުން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި "ޖާނުން ފިދާވެގެން ހަމަލާ ދިނުމަށް ތައްޔާރަށް ތިބި އެ ޖަމާއަތުގެ ބައިވެރިން ހަތިޔާރާއި އެކު ކަންދަހާރުގެ އެއާޕޯޓަށް ވަދެފައިވާ" ކަމަށް އެވެބްސައިޓުގައިވެ އެވެ.

ތާލިބާނުން އެއާޕޯޓަށް ހަމަލާދީފައި ވަނީ އަފްގާނިސްތާނުގެ ޕޮލިސް ސްޓޭޝަނަކަށް އެ ޖަމާއަތުން ހަމަލާދިންތާ މާގިނަ އިރުނުވަނީސް އެވެ. އެ ހަމަލާގައި ހަ ފުލުހުންނާއި ތިން އާއްމުންނަށް އަނިޔާވި އެވެ.