09 Dec 2015, 13:15
ޔުއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕްގެ "ޑީ"ގައި ރޭ ކުޅުނު މެޗް ޔުއެންޓަސް 0-1 އިން ސެވިއްޔާ އަތުން ބަލިވިއިރު މެންޗަސްޓާ ސިޓީ އިން 2-4 ގެ ނަތީޖާ އަކުން ބުރޯޝިއާ މޯންޗެންގުލަޑްބަޗް ގެ މައްޗައް ކުރި ހޯދައިގެން ގުރޫޕްގެ އެއްވަނަ އަށް އަރައިފިއެވެ.
ރޭގެ ނަތީޖާއާއެކު އެ ގުރޫޕްގެ އެއް ވަނާގައި ސިޓީ އޮތީ 12 ޕޮއިންޓާ އެކުގަ އެވެ. ދެ ވަނާގައި އޮތް ޔުއެންޓަސް އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ޔުއެންޓަސް އަތުން ރޭ މޮޅުވި ސެވިއްޔާ އޮތީ ހަ ޕޮއިންޓާއި އެކު ތިން ވަނާގައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޔުއެންޓަސްއާ ސެވިއްޔާ ކުޅުނު މެޗްގައި ޔުއެންޓސް ގެ ޕޮގްބާ އަތުން ސެވިއްޔާގެ ކުޅުންތެރިއަކު ބޯޅަ ހޯދަނީ --- ފޮޓޯ:އޭޕީ
ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެ ޓީމްގެ ފުރަތަމަ ގޯލް މެޗްގެ 16 ވަނަ މިނެޓްގައި ސްޓާލިންގެ އެހީ ތެރިކަމާއެކު ކާމިޔާބު ކުރީ ޑޭވިޑް ސިލްވާއެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބުރޯޝިޔާގެ ކޯބް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށް 42 ވަނަ މިނެޓްގައި އެ ޓީމްގެ ރަފޭލް ވަނީ ލީޑްނަގައި ސިޓީ ސިއްސުވާލާފައެވެ.
ފުރަތަމަ ހާފް އެ ނަތީޖާއިން ބުރޯޝިޔާ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފްގައި ސިޓީގެ ކުޅުން ރަނގަޅުކޮށް 79 ވަނަ މިނެޓްގައި މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސްޓާލިން ސިޓީއަށް ނަތީޖާ ހަމަހަމަކޮށް އޭގެ ދެ މިނެޓް ފަހުން ބޮނީގެ އެހީތެރިކަމާއި އެކު ސްޓާލިންގެ ވަނީ ސިޓީ އަށް ލީޑް ނަގައިދީފައެވެ.
ސިޓީގެ ފަހު ލަނޑު 85 ވަނަ މިނެޓްގައި ބޮނީ ކާމިޔާބް ކޮށް ވަނީ އެ ޓީމަށް ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް މެނުއަލް ޕެލިގްރިނީ ބުނީ ސިޓީގެ ފަރާތުން ދެވަނަ ހާފްގައި އެ ފެނުނު ކުޅުން ކުޅެގެން ޗެމްޕިއަންސް ލީގްގައި އެ ޓީމަށް ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނެތް ކަމަށެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ސިޓީއާއި ސެވިއްޔާ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ
"އަހަރެންނަކަށް ނޭނގެ މިއީ ޗެމްޕިއަންސް ލީގްގައި އެންމެ ކަމިޔާބް ރޭ ކަމަށް. އެކަމަކު ވެސް މިއީ ވަރަށް އުފާވެރި ރެއެއް. އެއްވަނާގައި އޮވެ ނިއްމާލެވުމުން ޓީމަށް ވެސް ފައިދާ ކުރާނެ،" މެޗުން މޮޅުވުމުން އުފާވެފައި ހުރެ ޕެލިގްރިނީ ބުންޏެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ޔުއެންޓަސް ބަލިވީ ދެވަނަ ހާފްގެ 65 ވަނަ މިނެޓްގައި ލޮރެންޓޯ ކާމިޔާބް ކުރި ގޯލުންނެވެ. އެހެން ނަމަވެސް ސެވިއްޔާ މީގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ އެ ޓީމަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ.