09 Dec 2015, 12:24
އޮލިމްޕިކް ކޮމިޓީގެ ރައީސްއަކަށް އެހެން އެސޯސިއޭޝަނެއްގެ ރައީސް ކަމުގެ މަގާމު ނުހުރެވޭ ގޮތަށް ގަވާއިދެއް ހެދުމަކީ އޮލިމްޕިކް ޗާޓާރަ ހިލާފު ކަމެއް ކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އެފްއޭއެމްގެ ރައީސް ކަމަށް ވާދަ ކުރައްވާ މުޙައްމަދު ޝަވީދު ވިދާޅުވެއެޖެ އެވެ.
ޝަވީދު އެހެން ވިދާޅުވެފައި ވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް އެހެން އެސޯސިއޭޝަނެއްގެ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގަވާއިދެއް ހެދުމަށް ފާސްކޮށް އެކަމުގެ ގާނޫނީ ލަފާ ހޯދުމަށް ކުޅިވަރު ކައުންސިލުން، އެޓާނީ ޖެނަރަލްއަށް ސިޓީ ފޮނުވާފައި ވަނިކޮށެވެ.
ޔޫތު މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ހުންނަ މީހަކަށް އެހެން އެސޯސިއޭޝަނެއްގެ ރައީސް ކަމުގެ މަގާމުގައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ޔޫތު މިނިސްޓަރު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެދުގައި މަޝްވާރާކޮށް އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމަޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ޝަވީދު ގާތުގައި އެފްއޭއެމުން އިސްތިއުފާ ދެއްވުމަށް އެދުނު އަނެއް ސަބަބަކީ ޝަވީދަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްއަށް ވެފައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންއަށް ވާތީ، އެފަދަ ބޮޑު ދެ އެސޯސިއޭޝަނެއް އިސް މަގާމެއްގައި ހުރުމަކީ އަޅުގަނޑަށް ވެސް ނުފެންނަ ކަމަކަށް ވާތީ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ނުފެންނަ ކަމަކަށް ވާތީ. އެހެންވެ އަޅުގަނޑު ދެންނެވީ ކޮންމެ ވެސް އެކައްޗެއް ޗޫސް ކުރައްވާށޭ،" މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަވީދު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް އެހެން އެސޯސިއޭޝަނެއްގެ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގަވާއިދު ހެދުމަކީ އޮލިމްޕިކް ޗާޓާރާ ހިލާފަށް ކުރަމުންދާ ކަމެއް ކަމެއް ކަމަށެވެ.
ގަވާއިދެއް ހަދާ އިރު ޔޫތު މިނިސްޓްރީގައި ތިއްބެވި ބޭފުޅުންނަށް އޮލިމްޕިކް ޗާޓަރު އެނގިވަޑައިނުގަންނަވާ ކަމަށް ވާނަމަ ދެން ވިދާޅުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ޝަވީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުޅިވަރުގެ ވާހަކައެއް ދައްކާ ކަމަށްވާ ނަމަ މިނިސްޓްރީ އިން ދައްކަވަނީ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވައިދުތަކުގެ ވާހަކަ. އަޅުގަނޑުމެން ވެސް މިރާއްޖޭގައި އުޅެންޏާ ގާނޫނާއި ގަވައިދުތަކަށް ހުރުމަތް ތެރިކޮށް ހިތާނަން. ހަމައެއާ އެކު ސްޕޯޓްސް މިނިސްޓްރީ ވެސް ނެޝަނަލް ސްޕޯޓްސް ކައުންސިލް ވެސް އޮލިމިކް ކޮމިޓީ ވެސް ކުޅިވަރު އެސޯސިއޭޝަންތައް ވެސް ކުރިއަށްދާން ޖެހޭނީ އޮލިމްޕިކް މޫވްމެންޓްސް އާއި އޮލިމްޕިކް ޗާޓަރަށް އެއްބާރުލުން ދީގެން،" ޝަވީދު ވިދާޅުވި އެވެ.
ސަންއާ ވާހަކަ ދައްކަމުން އޮލިމޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ މަރުޒޫޤް އަހްމަދު (މަރޭ) ވިދާޅުވީ އޮލިމްޕިކް ކޮމިޓީއަކީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތައް ރެޕްރެޒެންޓް ކުރާ ބޮޑީއެއް ކަމަށާއި އެކުލަބުގެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބަވާނީ އެހެން އެސޯސިއޭޝަންތަކުގެ ރައީސުން ކަމަށެވެ.
"އޮލިމްޕިކް ޗާޓަރު އެއްފަރާތް ކޮށްފައި ބަލަމާ އޮލިމްޕިކް ކޮމިޓީ އުފެދިފައިވާ ގޮތަށް. މިތާންގައި މިތިބެނީ އެކި އެސޯސިއޭޝަންތަކުގެ އިސްވެރިން. ނައިބުރައީސް މުހައްމަދު ޢަބްދުސައްތާރަކީ ސްވިމިން އެސޯސިއޭޝަންގެ ރައީސް. އޮލިމްޕިކް ކިމިޓީ މިއުފެދުނީވެސް އެހެން އެސޮސިއޭޝަންތަކުން. އެގޮތަށް މިތާންގެ ރައީސްކަމަށް ވާދަ ކުރަނީވެސް އެސޯސިއޭޝަންތަކުގެ ރައީސުން. އެހެން ގައުމުތަކުގައި ވެސް އޮންނަނީ މިހެން" މަރުޒޫޤް ވިދާޅުވިއެވެ.