09 Dec 2015, 11:56
އަލަށް ލައިސެންސް ނަގައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް ފިހާރައެއްގެ ތެރެއަށް ވަދެއްޖެ އެވެ.
ލޮނުޒިޔާރަތް މަގު، އަމީރު އަހުމަދު ސްކޫލް ކުރިމަތީގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕާކިން ޒޯނުން ސައިކަލް ނެރެން އުޅެނިކޮށެވެ.
އަންހެނަކު އަލަށް ލައިސެންސް ނަގައިގެން ދުއްވި އެ ސައިކަލް ޕާކިން ޒޯނުން ނެރެން އުޅެނިކޮށް، ކޮންޓްރޯލު ނުވެގެން ގޮސް ވަނީ ޕާކިން ޒޯނު ކުރިމަތީގައި ހުރި ފިހާރައެއްގެ ތެރެއަށެވެ.

މިއަދުގެ އެކްސިޑެންޓްގައި ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ފިހާރައިގެ ބިއްލޫރިގަނޑު ފޫއަޅުވާލައި ފިހާރައިގެ ތެރެއަށް ސައިކަލް ވަތްއިރު ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ގެއްލުމެއް ނުވެ. ނަމަވެސް އޭނާގެ އަތަށް ކުޑަ ހާނިކައެއް ވެފައިވެ އެވެ.
އޭނާ ދުއްވި ހޮންޑާ އެއާބްލޭޑް ސައިކަލަށް މާބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު އަދި ދޮރުގެ ދެފަޅީގައި ހުރި ބައެއް ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފަ އެވެ.
އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.