09 Dec 2015, 11:49
ހުޅުމާލޭ ގެއަކުން 16 ދަޅު ބިޔަރާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 22 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެ ދެ މީހުން ހައްޔަރު ކުރީ ހުޅުމާލެ ގެއެއްގެ ތެރެއިން އެ ދުވަހުގެ ހެނދުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅިގެން ފިރިހެން މީހާ ހައްޔަރު ކުރީ ހުޅުމާލެ ގެއެއްގެ ބެލްކަނީގައި ބިޔަރުކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއް ހިފައިގެން ހުރިތަން ފުލުހުންނަށް ފެނުމުން އެގެއަށް ފުލުހުން ވަންނަނިކޮށް އެ މިހާ އެގޭ ސިޑިން ފައިބަނިކޮށް ކަމަށާއި އަންހެން މީހާ ހައްޔަރު ކުރީ ފިރިހެން މީހާ ބިޔަރު ދަޅު ހިފައިގެން ހުރި ބެލްކަނި ހިމެނޭ ފަންގިފިލަ އިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ފަންގިފިލާ ބަލައިފާސްކުރި އިރު އެ ފަންގިލާގެ ސިޓިންގް ރޫމް ބެލްކަނިން ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ދެ ބިޔަރު ދަޅެއް ފެނިފައިވާ އިރު އެސިޓިންގް ރޫމްތެރެއިން ފެނުނު ދަބަހެއްގެ ތެރެއިން 14 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހިމެނޭ އަންހެން މީހާއަކީ ފުލުހަކަށް އަނިޔާކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި ފިރިހެން މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކާއި ޓެރަރިޒަމްގެ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.