މޯބައިލް މާކެޓުގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އެޗްޓީސީ" ކުންފުނިން އުފައްދާ "ވާޗުއަލް ރިއޭލިޓީ" ހެޑްސެޓް އަންނަ އަހަރުގެ އޭޕްރިލް މަހުގައި މާކެޓަށް ނެރުމަށް ހަމަޖައްސައިފި އެވެ.

އެޗްޓީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުންނަށް ގަންނަން ލިބޭ ގޮތަށް އެޗްޓީސީގެ ވާޗުއަލް ރިއޭލިޓީ ހެޑްސެޓް "ވައިވް" އޭޕްރިލް މަހުގެ ތެރޭގައި ނެރޭނެ ކަމަށެވެ.

ވައިވް އާންމުންނަށް ނެރުމުގެ ކުރިން އޭގެ އިތުރު ޓެސްޓު ކުރުމަށްޓަކައި ޑިވެލޮޕަރުންނަށް 7،000 ޔުނިޓް އުފައްދާނެ ކަމަށް އެޗްޓީސީ އިން ވަނީ ބުނެފައެވެ.

މިދިޔަ އޯގަސްޓު މަހު ނެރުނު ބަޔާނެއްގައި އެޗްޓީސީ އިން ބުނެފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވައިވް ލޯންޗު ކުރާނެ ކަމަށެވެ. ނަމަވެސް އޭރު ސީދާ ތާރީޚެއް ހަމަޖައްސާފައި ނުވާ ކަމަށްވެސް އެޗްޓީސީ އިން ބުންޏެވެ.

މަޝްހޫރު ގިނަ ކުންފުނިތަކުން ދަނީ ވާޗުއަލް ރިއޭލިޓީ ޑިވައިސްތައް އުފައްދަމުންނެވެ. އެގޮތުން ވައިވް އަކީ ސެމްސަންގް އަދި ޕްލޭސްޓޭޝަންގެ ވާޗުއަލް ރިއޭލިޓީ ހެޑްސެޓާ އެއް ކޮޮންސެޕްޓަކަށް އުފައްދާފައިވާ ޑިވައިސް އެކެވެ.

ނަމަވެސް އެހެން ޑިވައިސްތަކާ ޚިލާފަށް ވައިވް ޗާޖުކޮށް މައުލޫމާތު ޓްރާންސްފާ ކުރުމަށް ވާގަނޑެއް ބޭނުންވެއެވެ. އެހެން ޑިވައިސްތައް ބޭނުން ކުރަނީ ވަޔާލެސް ކޮށެވެ. އޭގެ އިތުރުން ވައިވް ބޭނުުން ކުރުމުގެ ކުރިން އެ ބޭނުން ކުރާ ސަރަހައްދެއްގައި ޚާއްސަ ސެންސަރުތަކެއް އިންސްޓޯލް ކުރަން ޖެހޭނެ އެވެ. އެހެން ކަމުން ގިނަ ބަޔަކަށް އެ ޑިވައިސް ބޭނުން ކުރުގައި އުނދަގޫތަކެއް ކުރިމަތި ވެދާނެ އެވެ. އެހެނަސް އެ ޑިވައިސް އަކީ އެހެން ޑިވައިސްތަކާ ޚިލާފަށް ވަރުގަދަ ޑިވައިސް އެކެވެ.