ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލްގެ ތަހުގީގު ނިންމާ އޭނާގެ މައްސަލަ ޕުރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އާދިލް ކުޑަކުއްޖަކާ ބެހުނު ކަމަށްބުނާ މައްސަލައިގެ ތަހުގީގު ނިންމާ މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވާކަމަށެވެ. އަދި ވިދާޅުވީ ކުރިމިނަލް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުން އާދިލް ހައްޔަރުކުރީ އެ މައްސަލައިގެ ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެ ތަހުގީގަށް ފުރިހަމަ ނުވެ ހުރި މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އާދިލްގެ މައްސަލަ ބުރާސްފަތި ދުވަހު ޕީޖީއަށް ފޮނުވީ،" ޝިޔާމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުން އާދިލް ހައްޔަރުކޮށް އިތުރު 15 ދުވަހަށް އޭނާ ހައްޔަރުގެ މުއްދަތު އިތުރު ކުރިފަހުން އާދިލް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ސަން އެނގިފައިވާ ގޮތުގައި އުމުރުން 32 އަހަރުގެ އާދިލް ގަދަކަމުން ބެހުނު ކަމަށް ތުހުމަތު ކުރެވެނީ އުމުރުން އެންމެ 13 އަހަރުގެ ކުޑަކުއްޖަކާއެވެ.

ގައުމީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންފައިވާ ހަސަން އާދިލް ވެރިކަން ކުރާ އެމްޑީޕީއަށް ބަދަލުވެފައި ވަނީ ސެޕްޓެމްބަރު 23، 2010 ގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ބަދަލުވެފައި ވަނީ ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށެވެ.