ވޮޝިންޓަން (ޑިސެމްބަރ 9): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ގައުމުގެ ރައީސް ކަން ކުރެއްވުމަށް "ޝަރުތުހަމަނުވާ" ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް އާނެސްޓް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޖޯޝް އާނެސްޓް އެހެން ވިދާޅުވީ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރަން ޖެހޭ ކަމަށް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ކެމްޕެއިން ކުރައްވަމުން ވިދާޅުވުމާ ގުޅިގެންނެވެ.

"ޓްރަމްޕް އިއްޔެ އެހެން [މުސްލިމުން އެމެރިކާ އަށް ވެއްދުން މަނާކުރުމަށް] ވިދާޅުވުމުން އޭނާ ރައީސް ކަން ކުރެއްވުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތައް ދެން ފުރިހަމަނުވާނެ،" އާނެސްޓް ވިދާޅުވި އެވެ.

ގައުމުގެ ރައީސްކަން ކުރެއްވުމަށް ޓްރަމްޕްގެ ޝަރުތު ހަމަނުވާނެ ސަބަބަކީ ގައުމުގެ ހުރިހާ ރައްޔިތުން ރައްކާތެރިކުރުމާއި ދިފާއު ކުރުމަށް ކޮންމެ ރައީސަކު ވެސް ކުރައްވާ ހުވައާ އެއްގޮތަށް ޓްރަމްޕް އަށް އަމަލުނުކުރެވޭނެ ކަން ޓްރަމްޕް ދެއްކެވި ވާހަކުފުޅުން އެނގޭތީ ކަމަށް އާނެސްޓް ވިދާޅުވި އެވެ.

މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރަމްޕް ގޮވާލުމާ ގުޅިގެން އެމެރިކާގެ ގިނަ އަދަދެއްގެ އިސް ފަރާތްތަކުންނާއި އާއްމުން ވަނީ އޭނާ އަށް ފާޑު ކިޔާފައި އެވެ. އަދި އެއީ އެމެރިކާގެ ގަބޫލުކުރުންތަކާ ޚިލާފު ހިޔާލެއް ކަމަށް ވެސް އެމެރިކާގެ ސަރުކާރުގެ އިސް ފަރާތްތަކުން ބުނެފައިވެ އެވެ.

އެގޮތުން، ޕެންޓަގަންގެ ތަރުޖަމާނު ޕީޓާ ކުކް ވިދާޅުވީ އިސްލާމް ދީނާ އެމެރިކާ ދެކޮޅުވެރިކުރުމަށް ދައްކާ ވާހަކަތަކަކީ އައިއެސްއަށް ބާރުދޭ ވާހަކަތައް ކަމަށެވެ. އަދި އެ ވާހަކަތަކަކީ ގައުމީ ނުރައްކަލެއްގެ ގޮތުގައި ބަލާނެ ވާހަކަތައް ކަމަށެވެ. (ސީއެންއެން)