މާލޭގައި ވަރަށް ގިނަ ޢިމާރާތްތަކެއް ގަވާއިދާ ހިލާފަށް އަދި ސަލާމަތީ ގޮތުން ނުރައްކާތެރި ގޮތްގޮތަށް ހުންނަކަން ފާހަގަކުރެވިފައި ވާތީ މާލޭގެ އިމާރާތްތައް ހުރީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހައުސިން މިނިސްޓްރީން ސާވޭ އެއް ފަށައިފި އެވެ.

އާދީއްތަ ދުވަހު ފެށި މި ސާވޭގެ ދަށުން މުޅި މާލޭގައި ހުރި އިމާރާތްތައް ޗެކް ކުރާނެ ކަމަށް ހައުސިން އިން ވަނީ ބުނެފަ އެވެ.

އެ ސާވޭ ކުރިއަށް ދާނީ ސަރުކާރު ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 09:00 އާއި 17:00 އާއި ދެމެދެވެ. ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ސާވޭގައި މައިގަނޑު ގޮތެއްގައި ބަލާނެ ކަންތައްތަކަކީ:

- ހަދާފައިވާ އިމާރާތްތަކުގެ ބެލްކަނީ، ސިޑި އަދި ޓެރަސް ފަދަ ތަންތަނުގެ ޗެންޗޭނު (ރެއިލިންގް) ޖަހާފައިވޭތޯ

- ލިފްޓް ގޮޅިތައް ސަލާމަތީ ގޮތުން ރައްކާތެރިކޮށްފައިވޭތޯ

- ވެންޓިލޭޝަންތައް ހުރީ ގަވާޢިދާ އެއްގޮތަށްތޯ

- ވައިގޮޅިތައް ހުރީ ޤަވާޢިދާ އެއްގޮތަށް، ވައި ދައުރުކުރާ ގޮތަށް އަދި ސާފުތާހިރުކޮށްތޯ

- އާންމު ޙިދުމަތް ދޭ ތަންތަނަށް ނުކުޅެދޭ ފަރާތްތަކަށް ވަދެވޭތޯ ބެލޭނެ އެވެ.

ސަލާމަތީ މިންގަނޑުތަކަށް ނުބަލައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިން އިން ބުނެ އެވެ. އެހެންކަމުން ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ތަންތަނުގައި ބެލުމަށް ހަމަޖެހިފައި ވަނީ:

- މަސައްކަތް ކުރާ ތަނުގައި ސަލާމަތީ ގޮތުން ޖަހަން ޖެހޭ ބިއްގަނޑު ނުވަތަ ދާ ޖަހާފައިވޭތޯ

- މަސައްކަތް ކުރާ ފަރާތްތައް މަސައްކަތް ކުރަނީ އެކަށީގެންވާ ހެދުމުގައިތޯ

- މަސައްކަތް ކުރާ އަށިތަކާއި އެލުވާލާފައިވާ އަށިތަށް ހުރީ ގަބޫލުކުރެވޭ ގޮތަކަށްތޯ

- ކޮނުމުގެ މަސައްކަތް ކުރަނީ ޤަވާޢިދާ އެއްގޮތަށްތޯ

- ފައުންޑޭޝަން ހިމާޔަތްކުރަމުންދަނީ އެކަށީގެންވާ މިންގަނޑެއްގައިތޯ

- ސާވޭ މުޅި މާލޭގައި ކުރިއަށް ގެންދިއުމަށް މިމިނިސްޓްރީން ކަނޑައަޅާފައިވާއިރު މި ސަވޭގެ މަސައްކަތް ފަށާފައިވަނީ ހެންވޭރުންނެވެ.

މިނިސްޓްރީން މިފަދަ މަސައްކަތެއް ފަށާފައިވާ އިރު، އިމާރާތް ކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާފަދަ ހާދިސާތައް ހިނގައި، ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެވެ. އެގޮތުން މި އަހަރުވެސް އުމުރުން ދުވަސްވީ މީހަކާއި ތުއްތު ކުއްޖަކު ކަނޑާފައި ހުރި ލިފްޓް ގޮޅިއެއްގެ ތެރެއަށް ވެއްޓި، ތުއްތު ކުއްޖާ ވަނީ ނިޔާވެފަ އެވެ.