09 Dec 2015, 10:17
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ޗެންނާއީ އަށް ކުރަމުން އަންނަ ދަތުރުތައް އަލުން ފަށައިފި އެވެ.
މީގެ ކުރިން މޯލްޑިވިއަން އިން ޗެންނާއީ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައި ވަނީ ޗެންނާއީ އަށް ކުރަމުން އަންނަ ވިއްސާރައިގައި އެއާޕޯޓުގައި ފެންބޮޑުވެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމުންނެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ، ޗެންނާއީ ދަތުރުތައް މިއަދު އަލުން ފަށާފައިވާ ކަމަށާއި ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 9:30 ގައި ފުރާފައިވާ ކަމަށެވެ.
"މިއަދު ހެނދުނު އަޅުގަނޑުމެން ޗެންނާއީ ދަތުރުތައް އަލުން މިފެށީ. އެގޮތުން މިއަދު ހެނދުނު 9:30 ހާއިރު ފުރަތަމަ ފްލައިޓް ވަނީ ނައްޓާލާފައި،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ، ދަތުރުތައް އަލުން ފެށި އިރު، އެންމެބޮޑު އިސްކަމެއްދެނީ ކުރިން ފްލައިޓް ބުކިން ހައްދާފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި ފަސިންޖަރުން އިތުރު ފްލައިޓްތަކެއްގައި އުފުލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޝާތު ވިދާޅުވި އެވެ.