09 Dec 2015, 10:19
ނިއުރޭޑިއަންޓްގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްވައި ނިއުރޭޑިއަންޓުން އެޓީމުގެ ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) ދޫކޮށްލައިފި އެވެ.
ނިއުއިން މިއަދު ބުނީ އަޑޭއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލީ އޭނާ ރިލީސްއަށް އެދުމުން ކަމަށެވެ.
ނިއުރޭޑިއަންޓުން ބުނީ އަޑޭ އެޓީމަށް ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި އޭނާގެ ކެރިއަރުގައި ކާމިޔާބަށް އެދޭ ކަމަށެވެ.
އަޑޭ ނިއު ދޫކޮށްލި އިރު އޭނާ އަދި ދާނެ ވަކި ކުލަބެއް އިއުލާންކޮށްފައެއް ނުވެ އެވެ.
ނިއުއަށް ލިގް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަޑޭ ނިއުގެ ކެޕްޓަނަން ކަމާއި ހަވާލުވީ މިއަހަރު ބޭއްވި ޕީޕަލްސް ކަޕަށްފަހު އޭރު އެޓީމުގެ ކެޕްޓަނަކަށް ހުރި މުހައްމަދު އުމޭރު ނިއި ދޫކޮށް ވާދަވެރި މާޒިޔާއަށް ބަދަލުވުމުންނެވެ.
މިއަހަރު އުމުރުން 29 އަހަރުގެ އަޑޭ ފުރަތަމަ ޑިވިޝަނަށް ތާރަފުވީ 2006 ވަނަ އަހަރު ވިކްޓްރީ އިން ނެވެ. އަޑޭ ވަނީ ވިކްޓްރީ އާއި ނިއުގެ އިތުރުން ވީބީ އައްޑޫ އެފްސީއަށާއި މާޒިޔާއަށް ވެސް ކުޅެފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ ހޮވި މެޗްގައި އަފުގާނިސްތާން ކޮޅާށް މޮޅު ޕެނަލްޓީއެއް ޖަހައިގެން އަޑޭ އަށް ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިފަ އެވެ.