09 Dec 2015, 10:14
މަޖީދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ހޯލެއްގެ މަސައްކަތް ޑިޒައިން އަދި ބިލްޑް އުސޫލުން ކުރުމަށް ބަޔަކު ހޯދުމަށް ޓަކައި އިއުލާން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބީލަމުގައި ބައިވެރިވެވޭނީ، ހައުސިންގް މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން، ވަކި ގްރޭޑުތަކަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނަން މިހާރު ފަށާފައިވާ އިރު އެ ފުރުސަތު ހުޅުވާފައި ހުންނާނީ އަންނަ ހަފްތާގެ ބުރާސްފަތީގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި އެ ލިޔުން ވާންޖެހޭނީ، ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 ދުވަހަށް ވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށް ވެސް ފިނޭންސް މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
މަޖީދިއްޔާ ސްކޫލުގައި އާ ކްލާސްރޫމުތަކާއި ހޯލް އެޅުމަށް ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 75،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ، ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ 13:00 ގައި ކަމަށެވެ.