09 Dec 2015, 09:52
އިސްލާމްއާބާދް (ޑިސެމްބަރ 9): ޕާކިސްތާނުގައި ބާއްވާ ހާޓް އޮފް އޭޝިއާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުންތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ޕާކިސްތާނަށް އިއްޔެ ވަޑައިގެންފި އެވެ.
އަފްގާނިސްތާނާއި އަވަށްޓެރި ގައުމުތަކުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން އާއްމުކޮށް ވާހަކަ ދައްކާ އެ ކޮންފަރެންސުގައި އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން 12 ގައުމަކުން ބައިވެރިވާނެ އެވެ.
ސުޝްމާގެ އެ ދަތުރުފުޅަކީ ތިން އަހަރުތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓަރަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޕާކިސްތާނަށް ވަޑައިގަތުމަށް ފަހު ރިޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ސުޝްމާ ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުންނާއި އެގުޅުންތައް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތަކާ މެދު ވާހަކަ ދައްކަވާނެ ކަމަށެވެ. ދެގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ސަރްތާޖް އަޒީޒުއާ ސުޝްމާ ބައްދަލުކުރައްވާނެ އެވެ.
މިހަފްތާގެ އާދިއްތަ ދުވަހު ޕާކިސްތާނާއި އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ވަނީ ތައިލޭންޑުގައި ބައްދަލުކޮށްފަ އެވެ. އެބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ސުލްހަވެރިކަން ދެމެހެއްޓުމާއި، ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި ކަޝްމީރު މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ދެގައުމުން ނެރުނު ބަޔާނެއްގައިވެ އެވެ.