ޔުއެފާ ޗެންޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ ރެކޯޑް ރޮނާލްޑޯ ހެދި އިރު އޭނާގެ ޓީމުން އެއް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހިކަމުގެ ރެކޯޑު ހަދައިފިއެވެ.

ރޭ ޖެހި ހަތަރު ލަނޑާ އެކު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު 11 އަށް ވަނީ އަރާފައެވެ. އެއާ އެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ އިތުރުން އެ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ޗެމްޕިއަންސް ލިގްގައި ރެއާލްއާ މަލްމޯއެފްސީ ރޭ ކުޅުނު މެޗްގައި ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ:އޭޕީ

ރެއާލް ދަނޑުގައި ކުޅުނު އެ މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން މި މެޗުގެ ލީޑް ނެގީ ފުރަތަމަ ހާފް ފެށިގެން 12 ވަނަ މިނަޓުގަ އެވެ. މި ލަނޑު ރެއާލް އަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ.

ރެއާލް އިން އެ މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ 24 ވަނަ މިނަޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކު ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑުންނެވެ.

އެ ލަނޑަށްފަހު 39 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭނާގެ ފުރަތަމަ ގޯލް ޖަހައި މެޗްގެ ނަތީޖާ 0-3 އަކަށް ބަދަލު ކޮށްލާފައެވެ. ފުރަތަމަ ހާފް ނިމުނީ އެ ނަތީޖަގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލިގްގައި ރެއާލްއާ މަލްމޯއެފްސީ ރޭ ކުޅުނު މެޗްގައި ރެއާލް ގެ އިސްކޯ ބޯޅަ ހިފައިގެން- -- ފޮޓޯ:އޭޕީ

ދެވަނަ ހާފް ފެށިގެން ދެވަނަ މިނަޓުގައި ޑެނިލޯގެ އެހީތެރިކަމާއެކު ރޮނާލްޑޯ ވަނީ ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލް އަށް ލިބުނު ހިލޭޖެހުމެއް ސީދާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ރެއާލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް އެ މެޗްގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ރޮނާލްޑޯ އޭނާގެ ހަތަރު ވަނަ ގޯލް މެޗުގެ 58 ވަނަ މިނަޓުގައި ފްރަންސިސްކޯ ރޯމަންގެ އެހީތެރިކަމާއެކު ކާމިޔާބް ކުރިއިރު މަލްމޯގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރެއާލްގެ ހަތް ވަނަ ލަނޑު މެޗުގެ 70 ވަނަ މިނަޓުގައި ކާމިޔާބުކުރީ މަޓިއޯ ކޮވަކިކް އެވެ. އޭގެ ހަތަރު މިނަޓު ފަހުން ރޯމަންގެ އެހީތެރިކަމާއެކު ރެއާލްގެ 8 ވަނަ ލަނޑު ޖަހާ ބެންޒެމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ޗެމްޕިއަންސް ލިގްގައި ރެއާލްއާ މަލްމޯއެފްސީ ރޭ ކުޅުނު މެޗްގައި ބެންޒެމާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ:އޭޕީ

މި ނަތީޖާއާ އެކީ ރެއާލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކީ ގްރޫޕްގެ އެއްވަނައިގަ އެވެ. މި މެޗުން ބަލިވި މަލްމޯ އޮތީ ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާ އެކީ ގްރޫޕްގެ ފުލުގަ އެވެ.

މި ގްރޫޕްގައި ރޭ ޕީއެސްޖީ އާއި ޝަހްތަރު ޑޮނެސްކް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީންނެވެ. މި ނަތީޖާއާއެކު އެޓީމް އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގަ އެވެ. މި މެޗުން ބަލިވި ޝަހްތަރު އޮތީ ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކީ ލަނޑުގެ ތަފާތުން ގްރޫޕްގެ ތިންވަނައިގަ އެވެ.