ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފި އެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުމަށް ތިން ވަނަ ގައުމެއްގެ ނުފޫޒު ނުވެއްދުމަށް ދުންޔާ ވަނީ ސްރީލަންކާގެ ސަރުކާރަށް މީގެ ކުރިން ގޮވާލައްވައިފަ އެވެ.

ދުންޔާ ވިދާޅުވީ ރާއްޖެ އާއި ލަންކާގެ ގުޅުމާ މެދު ކަންބޮޑުވުންފާޅުކޮށްދިނުމަށް ބައެއް އޮބްޒާވަރުން ލަންކާ ސަރުކާރަށް ޕްރެޝަރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ސްރީލަންކާގެ ދަ އައިލެންޑް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ދުންޔާ ވިދާޅުވީ ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ އިން ދެގައުމުގެ މެދުގައި އެއްބަސްވުންތަކެއް ވެފައި އެބަހުރި ކަމަށެވެ. އަދި ދެ ގައުމުގެ ހެލްތު މިނިސްޓަރުންނާއި އެޑިއުކޭޝަން މިނިސްޓަރުން ވެސް އެ ދެ ދާއިރާ އިތުރަށް ހަރުދަނާކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ޓުއަރިޒަމްގެ ދާއިރާ އިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާ ކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.