09 Apr 2011, 12:23
އަދާލަތު ޕާޓީގެ ރައީސާއި ނާއިބު ރައީސް ހޮވުމުގެ އިންތިހާބު އަންނަ މަހު ބާއްވައި، ޕާޓީގެ ގައުމީ ޖަލްސާ ޖުލައި މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އަދާލަތު ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ޕާޓީގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހު 27 ގައި ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ އިންތިހާބު ބޭއްވުމުގެ ކަންތައްތައް ކުރަނީ އެކަމަށް ހާއްސަ ކޮށްފައިވާ ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ.
"މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ހުރިހާ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭގޮތަށް. ޕާޓީގެ ރައީސާއި ނާއިބު ރައީސް ހޮވުމުގެ އިތުރުން ގޮފިތަކުގެ މެންބަރުން ހޮވުމުގެ އިންތިހާބުގެ ކަންތައް ވެސް ކުރިއަށް އެބަދޭ. އެ ކަންތައްތައް ކުރަމުންދަނީ. އެކަމަށްޓަކައި ހާއްސަ ކޮށްފައިވާ ސްޓިއަރިން ކޮމިޓީން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ގައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ ހަތަރުވަނަ ދުވަހު އެވެ.
"ޕާޓީގެ އިންތިހާބުތަކަށް ފަހު ގައުމީ ޖަލްސާ ބާއްވަން ހަމަޖެހިފައި މިއޮތީ، އެ ޖަލްސާ ބޭއްވުމުގެ ކަންތައް ވެސް ކުރިއަށްގެންދާނީ ސްޓިއަރިން ކޮމެޓީން. އިންތިހާބުގެ ކަންތައްތަކާއެކު ގައުމީ ޖަލްސާ ބޭއްވުމުގެ ކަންތައް ވެސް ސްޓިއަރީ ކޮމިޓީން ކުރަމުން އެބަގެންދޭ. ނަމަވެސް ގައުމީ ޖަލްސާއަށް ބޭނުންވާ ކަންތައްތަކަށް ހުސްވެވޭނީ އިންތިހާބުތައް ނިމުމަށްފަހު" އޭނާ ވިދާޅުވި އެވެ.
އަންނަ މަހު ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން ހޮވުމުގެ އިންތިހާބު ބާއްވާއިރު އެމަގާމުތަކަށް ކުރިމަތިލުމަށް ހުޅުވައިލަނީ ކޮން އިރަކުން ކަމެއް އަދާލަތަކުން ނުބުނެ އެވެ.
މިހާރު އަދާލަތުގެ ރައީސް ކަމުގައި ހުންނެވީ ހުސައިން ރަޝީދު އަހުމަދެވެ. ނައިބަކީ މުހައްމަދު ޝަހީމް އަލީ ސައީދެވެ.