ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ ގޮތުން ޑޮކްޓަރުން އެމަނިކުފާނަށް ދެއްވާ ލަފައާއި ނަޝީދުގެ ބައްޔާގުޅޭ އެކިއެކި މައުލޫމާތު އެމަނިކުފާނުގެ ހުއްދަ ނެތި އާންމު ނުކުރުމަށް އެމްޑީޕީން ސަރުކާރަށް އިލްތިމާސް ކޮށްފި އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން މިނިސްޓަރު އޮފް ހޯމް އެފެއާޒް އުމަރު ނަސީރު އާންމު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އެ ޢަމަލު މިއޮފީހުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ." ބަޔާނުގައިވެ އެވެ.

ނަޝީދުގެ އޮފީހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ނަޝީދުގެ މައިބަދައަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި އޮޕަރޭޝަން ކުރުމަށް ރާއްޖެ އިން ބޭރަށް ދިއުމަށް ކަރެކްޝަންގައި އެދިފައިވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވުމުން، އެ އޮޕަރޭޝަނަކީ ރާއްޖެ އިން ވެސް ކުރެވޭނެ އޮޕަރޭޝަނެއް ކަމަށް މިނިސްޓަރު އުމަރު ވިދާޅުވުމުންނެވެ.

އުމަރު ވިދާޅުވީ ޑޮކްޓަރު ލަފާދެއްވާފައި ވަނީ ނަޝީދު އެލް4-5 މައިކްރޯޑިސެކްޓްރީ އެއް ކުރަން ކަމަށާއި އެއީ ރާއްޖެ އިން ކުރެވޭނެ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް އެކަމުގައި ދެވަނަ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ވެސް އުމަރު ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ބަޔާނުގައި ވަނީ ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ މައުލޫމާތަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޒާތީކަމަކަށް ވެފައި، އެކަމުގެ މައުލޫމާތު ހާމަކުރަވަންވާނީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިންނަވާ ފަރާތަކުން ބޭނުންފުޅުވެވަޑައިގަންނަވާ މިންވަރަކަށް ކަމަށެވެ.

އޭގެ އިތުރުން ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި އަނެކުންނާ ކުރާ ޒާތީ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ގާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، ނަޝީދާއި އެމަނިކުފާގެ ސިއްހީ ޑޮކްޓަރާ ދެމެދު ކުރެވޭ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ މުޢާސަލާތުތަކެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

"މީގެ އިތުރުން، ރައީސް މުޙަންމަދު ނަޝީދު އެންމެ ފަހުން ޑަކްޓަރަށް ގެންދެވުނު ދުވަހު އެމަނިކުފާނަށް އެރުވި ސިއްޙީ ލަފަޔާއި، އިރުޝާދުގެ ވާހަކަ ބަޔާންވެފައިވާ މެޑިކަލް ލިޔެކިޔުންތައް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ޙަވާލުކުރުމަށް ޚުދު އެމަނިކުފާނު އެދިވަޑައިގެންފައިވީ ނަމަވެސް، އެ ލިޔެކިޔުންތައް ވަކީލުންނާ ޙަވާލުނުކޮށް އެލިޔެކިޔުމުގައި ހުރި މަޢުލޫމާތު ސޯޝަލް މީޑިޔާގައި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އާންމު ކުރައްވަމުން ގެންދަވާ ކަމަކީ މިއޮފީހުން ދެކޭ ގޮތުގައި ވަރަށް ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ." ބަޔާނުގައިވެ އެވެ.

އެހެންކަމުން ނަޝީދުގެ އަމިއްލަފުޅު ޒާތީ ދިރިއުޅުމާއި ޒާތީ މުއާސަލާތުތަކާ ގުޅޭ މައުލޫމާތު އެމަނިކުފާނުގެ ހުއްދަ ނެތި ޢާންމު ނުކުރަމަށާއި "ގާނޫނު އަސާސީއާ ޚިލާފަށް ކުރާ މިފަދަ ކަންކަން ކުރުން ހުއްޓާލުމަށް" ވެސް ނަޝީދުގެ އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.