08 Dec 2015, 23:36
އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކޮށްފައިވާ ސިޔާސީ ޕާޓީއެއް، ޖޫރިމަނާ ފައިސާ ނުދައްކައިވާނަމަ ކޮންމެ އަހަރަކު ދައުލަތުން ދޫކުރާ ފައިސާ އިން އެބައި އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ސަން ޓީވީގެ "50 މިނެޓް" ޕްރޮގުރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަކީ އިލެކްޝަނުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއަށް ސިޔާސީ ޕާޓީތައް ގެނައުމަށާއި އަދި އެންމެ ފުޅާ ދާއިރާއެއްގައި ސިޔާސީ ޕާޓީތައް ހިންގުމަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.
"އެ މަގުފަހި ކޮށްދިނުމުގައި ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ގާނޫނާ ޚިލާފު ކަންކަން ކޮށްފާނެތީ އެކަމަށް ނަސޭހަތްދީ އަދި އެކަމެއް ކޮށްފި ނަމަ ދެވަނަ ފަހަރަށް ތަކުރާރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އިލެކްޝަނުން އަންނަނީ ކުރަމުން. އެފަދަ ގޮތަކަށް ކުރާ ޖޫރިމަނާއެއް ދެއްކުމަށް ވަކި މުއްދަތެއް އެބަ ދެން. އަދި އެކަމަށް ޖަވާބުދާރީ ވުމަށް ވެސް ވަކި މުއްދަތެއް އެބަ ދެން. އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިިފި ނަމަ އަޅުގަނޑުމެން އަމަލު މިކުރާ ގޮތަކީ ކުރިއަށް އޮތް އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއިން އެ ފައިސާ އުނިކުރާނީ، އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް މިރޭ ސަން ޓީވީގެ "50 މިނެޓު" ޕްރޮގާރްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބަރުންގެ ފޯމުތަކުގައި އެކަކުގެ އިނގިލީގެ ނިޝާން ހުރުމުން ވެސް ޕާޓީތައް ޖޫރިމަނާ ކޮށްފައިވާނެ ކަމަށެވެ.
މިރޭގެ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޖޫރިމަނާ ކޮށްފައި ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި މުޒާހަރާ ގައި ހިނގި ހަމަނިޖެހުންތަކާ ގުޅިގެންނާއި އަދި މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަދާލާތު ޕާޓީ އާއި އެމްޑީޕީ ވަނީ ޖޫރިމަނާކޮށްފައެވެ.
ނަމަވެސް އެފައިސާ އެ ދެ ޕާޓީން އަދިވެސް ދައްކާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ މިރޭ ސަން ޓީވީގެ "50 މިނެޓު" ޕްރޮގާރްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
މިރޭގެ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކުރަމް ވިދާޅުވީ އެ ކޮމިޝަނުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރަސީ ވީކް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން ވެެސް ޑިމޮކްރަސީ ވީކް ބޭއްވުމަށް ހަމަޖައްސާފައިވާ ހއ. ހޯރަފުށި އެކަމަށް މިހާރު ވެސް އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ.