އަންނަ އަހަރުން ފެށިގެން އިލެކްޓުރޯނިކް ވޯޓިން (އީ ވޯޓިން) ތައާރަފު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސަން ޓީވީގެ "50 މިނެޓު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިރޭ ވިދާޅުވީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އީ ވޯޓިން ތައާރަފު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އަކުރަމް ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ އީ ވޯޓިންގެ ކޮން ނިޒާމެއްތޯ ބަލަމުން އަންނަ ކަމަށެވެ.

"އެގޮތުން ރާއްޖެއަށް އެންމެ އެކަށީގެންވާ އިލެކްޓުރޯނިކް ވޯޓިން ނިޒާމެއް ގެންގުޅެނީ ކޮން ގައުމެއްގައިތޯ ވެސް ބަލަމުން މިދަނީ. އަދި ކަސްޓަމައިޒްކޮށް އެކަންކަން ކޮށްދެވޭނެ ފަރާތްތަކާ އަދި އެކަންކަމާ ގުޅޭ ބޭފުޅުންނާއި ގުޅައިގެން އެކަމުގެ މާހިރުންނާ ގުޅައިގެން ހަދަންވާ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރަމުން މިދަނީ،" އަކްރަމް ވިދާޅުވި އެވެ.

ސަން ޓީވީގެ "50 މިނެޓް" ޕްރޮގުރާމުގައި އީސީގެ މެމްބަރު އަކުރަމް (ކ) އަދި އެ ކޮމިޝަނުގެ އެސްޖީ އަހުމަދު އަލީ (ވ): ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އީ ވޯޓިން ބޭނުން ކުރުމަށް ފަށަންޖެހޭ ބޭސިކް މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

"އީ ވޯޓިން އަށް ބަލާއިރު އެކަމުގެ ފުރަތަމަ މަރުހަލާ މިހާރު ވެސް އޮތީ ނިމިފައި. އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އިންޓަނެޓު ލިބޭ. އެހެންވީމަ ފަސޭހަކަމާއި އެކު އިމްޕުލިމެންޓު ކުރެވޭނެ ނިޒާމެއްގެ ގޮތުގައި މިކަން މި ވަނީ،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އަހުމަދު އަލީ މިރޭގެ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އީ ވޯޓިން ރާއްޖޭގައި ތައާރަފު ކުރާއިރު ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވެސް އެކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.