ބޮލީވުޑްގެ ލެޖެންޑްރީ ތަރި ދިލިޕް ކުމާރަށް 93 އަހަރު ފުރޭ އުފަންދުވަސް ފާހަގަ ކުރަން ބޭނުން ނުވާ ކަމަށް އޭނާ ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު 93 އަހަރު ފުރޭ ދިލިޕް، އޭނާގެ އުފަންދުވަސް ފާހަގަ ކުރަން ބޭނުން ނުވަނީ އިންޑިއާގެ ޗެންނާއީއަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމަށް ދިލިޕް ކުމާރާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އެގޮތުން އޭނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ، ޗެންނާއީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ މެދު ހިތާމަ ކުރާ ކަމަށެވެ.

"ޗެންނާއީ އަށް ލިބުނު ގެއްލުންތަކާ މެދު ހިތާމަ ކުރަން. ހިތަށް އަރާ ޗެންނާއީ އަށް ދަތުރު ކުރެވޭހާ އަހަރެންގެ ސިއްހަތު ތަން ދޭނަމައޭ. ޗެންނާއީ އަކީ އަހަރެން ދެ ވަނައަށް އެންމެ ދިރިއުޅެން ބޭނުންވާ ސިޓީ،" މުމްބާއީގައި ދިރިއުޅޭ ދިލިޕް ކުމާރު ބުންޏެވެ.

ނަވާރަ ސަތޭކަ ސާޅީސް ހަތަރު ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ދިލިޕް ކުމާރު ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އެގޮތުން 1955 ވަނަ އަހަރު ކުޅުނު ދޭވްދަސް، 1960 ވަނަ އަހަރު ކުޅުނު މުގަލް އޭ އާޒަމް ފާހަގަކޮށްލެވެ އެވެ.

އަދި ފިލްމު ފެއާ ބެސްޓް އެކްޓަރުގެ އެވޯޑުވެސް ފުރަތަމަ ފަހަރަށް ހާސިލް ކުރި ތަރިއަކީ ދިލިޕް ކުމާރެވެ.

ޗެންނާއީ އަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިލިޕްގެ އިތުރުން ރަޖްނީކާންތު ވެސް ވަނީ އޭނާގެ 64 ވަނަ އުފަންދުވަސް ފާހަގަ ނުކުރަން ނިންމާފަ އެވެ.