08 Dec 2015, 21:57
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން ކުޅިވަރު އެސޯސިއޭޝަންތަކާ އެކު، މީޑިއާގެ ހާޒިރުގައި އޮލިިމްޕިކް ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ މިނިސްޓްރީގެ ވަރަށް ގިނަ މަސައްކަތްތަކެއް ހަރުދާނާކޮށް ހިންގަން ފައްޓާފައިވާ ކަމަށާއި ނަމަވެސް އަދި ވެސް ކުޅިވަރު އެސޯސިއޭޝްނަތާކާ ގުޅޭ ކަންކަމުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.
ނަމަވެސް މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަވީދު ވިދާޅުވީ މިނިސްޓަރު ޒުހޫރު މިނިސްޓްރީގެ ކަންކަން ރަނގަޅަށްދާ ވާހަކަ ވިދާޅުވި ކަމުގައި ވިޔަސް "މިހާރު ވެސް ވަރަށް ބޮޑަށް ގޯސް" ކަމަށާއި "އަދި ކުރިއަށް ވުރެ ވެސް ކަންކަން ގޯސް" ކަމަށެވެ.
މިނިސްޓަރު ޒުހޫރަކީ ކުޅިވަރުގެ ދާއިރާ އަށް މުޅިން އާ ބޭފުޅަކަށް ވެދާނެ ކަމަށާއި ނަމަވެސް މިނިސްޓަރުގެ އަރިހުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅުން ކަމަށާއި އަދި އެފަދަ ބައެއް ބޭފުޅުންނަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މަގާމުތަކަށް އައުމަށް "ފެން ބޮވައިގެންފައިތިބި" ބޭފުޅުން ކަމަށް ޝަވީދު ތުހުމަތު ކުރެއްވި އެވެ.
ކުޅިވަރު އެސޯސިއޭޝާންތަކާކާ އެކު ޔޫތު މިނިސްޓްރީއން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ޝަވީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޢަލީ ނަސީރު
އެހެންވެ މިނިސްޓްރީގެ ތެރެއިން ކުރެވޭ ކަންކަމަކީ އެންމެ ރަނގަޅަށް ކުރެވޭ ކަންކަން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަވީދު ވިދާޅުވި އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ މެދުގައި ސްޕޯޓްސް މިނިސްޓްރީ އިން ތަފާތުކުރުން ގެންގުޅޭ ކަމަށާއި އެ ތަފާތުކުރުންތައް ގެންގުޅެނީ ވެސް އެހެންވެ ކަމަށް ޝަވީދު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހް އިސްމާޢީލަށް އިޝާރާތް ކުރައްވައި ޝަވީދު ވިދާޅުވީ "މިނިސްޓަރުގެ ވާތް ފަރާތުގައި އިންނެވި ބޭފުޅާއަކީ ވެސް ތިމަންނާއަކީ ތިމަންނަގެ ޕާސަނަލް ގްރަޖު (އަމިލަ މަސްލަހަތެއް) ނޯންނަ ކަމަށް ވިދާޅުވި ބޭފުޅެއް" ކަމަށެވެ. ނަމަވެސް ފެންނަނީ އެއާ ޚިލާފަށް ކަމަށް ޝަވީދު ވިދާޅުވި އެވެ.
ޝަވީދު އެހެން ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ޔޫތު މިނިސްޓްރީގެ ތެރެއިން މަސައްކަތް ކުރެއްވި ކަމަށް ޝާހްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވަ އެވެ. ނަމަވެސް ޝާހް ވިދާޅުވީ އެއްވެސް ކަމަކަށް އޭނާގެ ނޫފޫޒެއް ނުފޯރުވާ ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ މިނިސްޓްރީގެ މޭންޑޭޓާ އެއްގޮތަށް ކަމަށާއި އެފްއޭއެމްގެ ހުރިހާ ކަމެއްގައި އޭނާ މަސައްކަތް ކުރައްވަނީ މިނިސްޓަރުގެ ލަފާފުޅުގެ މަތީން ކަމަށެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުގެ އިންޑިވިޖުއަލް[އަމިއްލަ] އެއްވެސް ކަމެއް ނޫޅޭނެކަން އަޅުގަނޑު ޔަގީންކަން އަރުވަން. ޒާތީ ގޮތުން އެއްވެސް ބޭފުޅަކާ މެދު އެއްވެސް ކަމެއް ނޯންނާނެ. ތިޔަ ތިބެއްވީ އަޅުގަނޑާ އެކު ބޮޑެތިވި މީހުން. އަޅުގަނޑު މަސައްކަތް ކުރަނީ މިނިސްޓްރީގެ މޭންޑޭޓާ އެއްގޮތަށް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ހަމަތާކާއި އުސޫލުގެ ތެރެއިން. އަޅުގަނޑަށް ވެސް އެބަ އާދޭ އެލިގޭޝަން. ނަމަވެސް އެފްއޭއެމްގެ ހުރިހާ އިޝުއުއެއް ޑައިރެކްޓްލީ މިނސްޓަރުގެ މޭޒުކޯޅަށް ގެންގޮސްގެން، މިނިސްޓަރުގެ ލަފާގެ މަތިން އަޅުގަނޑު މަސައްކަތް ކުރަނީ،" ޝާހް ވިދާލުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް އަކަށް ހުންނަވާ ބޭފުޅަކަށް އެެހެން އެސޯސިއޭޝަނެއްގެ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގަވާއިދު ހެދުމަށް ޔޫތު މިނިސްޓްރީ އިން މަސައްކަތްކޮށްފައިވާ ކަމަށް ޝަވީދު ތުހުމަތު ކުރެއްވި އެވެ. އަދި އެއީ ރާއްޖެ އިން ބައިވެރިވެ ސޮއިކޮށްފައިވާ އޮލިމްޕިކް ޗާޓަރާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް ޝަވީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުޅިވަރުގެ ވާހަކައެއް ދައްކާ ކަމަށްވާ ނަމަ މިނިސްޓްރީ އިން ދައްކަވަނީ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވައިދުތަކުގެ ވާހަކަ. އަޅުގަނޑުމެން ވެސް މިރާއްޖޭގައި އުޅެންޏާ ގާނޫނާއި ގަވައިދުތަކަށް ހުރުމަތް ތެރިކޮށް ހިތާނަން. ހަމައެއާ އެކު ސްޕޯޓްސް މިނިސްޓްރީ ވެސް ނެޝަނަލް ސްޕޯޓްސް ކައުންސިލް ވެސް އޮލިމިކް ކޮމިޓީ ވެސް ކުޅިވަރު އެސޯސިއޭޝަންތައް ވެސް ކުރިއަށްދާން ޖެހޭނީ އޮލިމްޕިކް މޫވްމެންޓްސް އާއި އޮލިމްޕިކް ޗާޓަރަށް އެއްބާރުލުން ދީގެން،" ޝަވީދު ވިދާޅުވި އެވެ.
ކުޅިވަރު އެސޯސިއޭޝާންތަކާކާ އެކު ޔޫތު މިނިސްޓްރީ އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޢަލީ ނަސީރު
ގާނޫނެއް ހަދާ އިރު ޔޫތު މިނިސްޓްރީގައި ތިއްބެވި ބޭފުޅުންނަށް އޮލިމްޕިކް ޗާޓަރު އެނގިވަޑައިނުގަންނަވާ ކަމަށާއި ދެން އެކަމާ މެދު ވިދާޅުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ޝަވީދު ވިދާޅުވި އެވެ.
އެފްއޭއެމް އިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ކްލަބުތަކަށް ދޭ އާންމުދަނީ ބޮޑުކަމުން އެކަމާ ވެސް ޔޫތު މިނިސްޓްރީ އިން ކަންބޮޑުވުން ފާޅުކޮށް އެއީ ކޮރަޕްޝަންގެ މައްސަލައެއް ކަމަށް ތުހުމަތު ކުރެއްވި ކަމަށް ޝަވީދު ވިދާޅުވި އެވެ.
"ޔޫތު މިނިސްޓްރީން ފޯރުކޮށްދޭ ފައިސާގެ އިތުރުން އެފްއޭއެމް އިން ސޮޕްންސާޝިޕާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އިން ކްލަބުތަކަށް ފައިސާ ދިނުމުން އެއީ މިނިސްޓްރީ އަށް ވަރަށް ބޮޑު ކަންބޮޑުވުމެއް. އެހެންވެ އެ މައްސަލަ ޔޫތު މިނިސްޓްރީ އިން ބައްލަވަނީ ކަރަޕްޝަން މައްސަލައެއްގެ ގޮތުގައި،" ޝަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބުތަކަށް ދިން 1.5 މިލިއަން ރުފިޔާއަކީ ސީދާ ރައީސްލްޖުމްހޫރިއްޔާ ދެއްވި ހިޔާލުފުޅެއްގެ މަތިން ކުރެއްވި ކަމެއް ކަމަށާއި ނަމަވެސް އެކަންތަކާ މެދު ވެސް ޔޫތު މިނިސްޓްރީ އިން ކަންބޮޑުވި ކަމަށެވެ. އެހެންވެ ޝަވީދު ސުވާލު ކުރެއްވީ ޔޫތު މިނިސްޓްރީ ހިންގަނީ ދިވެހި ސަރުކާރު އެންމެ މަތީ ވެރިޔާ ބޭނުންވާ ގޮތަށްތޯ އެވެ.
ޝަވީދު ވިދާޅުވީ ރައީސަށް ހުރިހާ އެސޯސިއޭޝަންތަކުގެ އިސްވެރިން އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ޔޫތު މިނިސްޓަރަށް ހުރިހާ އެސޯސިއޭޝަންތަކުގެ އިސްވެރިންގެ ނަންފުޅު އެނގިވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށެވެ.
ޝަވީދު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމަކީ އެސޯސިއޭޝަންތަކުގެ ކަންކަން ހަރުދަނާ ކުރަން އެކަނި ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެއީ މިނިސްޓްރީގެ ކަންކަން ވެސް ހަރުދަނާ ކުރުމަށް ބޭއްވި މަހާސިންތާއެއް ކަމަށެވެ.
ޝަވީދު ވިދާޅުވީ އޭނާއާ ބެހޭ ގޮތުން މިނިސްޓްރީ އިން ފީފާއަށް ފޮނުއްވި ސިޓީގައި މިނިސްޓަރު ސޮއި ކުރެއްވީ ރަނގަޅަށް ސިޓީ ނުބައްލަވައި ކަމަށް ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެޓާނީ ޖެނަރަލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިއުތިރާފުވި ކަމަށެވެ.
"މިނިސްޓަރު އަޅުގަނޑާ ބެހޭ ގޮތުން ފީފާއަށް ފޮނުއްވި ސިޓީއަކީ ފުޓްބޯޅައިގެ އެންމެ ބޮޑު އިދާރާއަށް ފޮނުވި ސިޓީ. އަޅުގަނޑުމެންގެ އެޓާނީ ޖެނަރަލް ކުރިމަތީގައި. އަޅުގަނޑުމެންގެ ހޯމް މިނިސްޓަރު ކުރިމަތީގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ ތިމަންނާ އެސިޓީގައި ސޮއި ކުރެއްވީ އެ ސިޓީ ބަލަންވާވަރަށް ނުބައްލަވައޭ. ތިމަންނަގެ ޑެޕިއުޓީންނަށް ވަރަށް ބޮޑަށް އިތުބާރު ކޮށްފައޭ އެސިޓީގައި ސޮއިކުރެއްވީ،" މިނިސްޓަރު ޒުހޫރަށް އިޝާރްތަކުރައްވައި ޝަވީދު ވިދާޅުވި އެވެ.
މިނިސްޓަރު ޒުހޫރު ވިދާޅުވީ ޔޫތު މިނިސްޓްރީ އިން ވަކި ކުޅިވަރަކާ މެދު ތަފާތެއް ނުކުރާނެ ކަމަށާއި ބޮޑެތި އެސޯސިއޭޝަންތަކަށް ލިބޭ ބަޖެޓްތަކާ އެއްވަރަށް ކުދި އެސޯސިއޭޝަންތަކަށް ބަޖެޓެއް ނުލިބުމަކީ ތަފާތު ކުރުން ނޫން ކަމަށެވެ.
ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ލަސް ކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް އެފްއޭއެމްގެ އިންތިޚާބާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށް ވިދާޅުވެފައިވާ ކަމަށާއި އަދި އެކަމުގައި ޔޫތު މިނިސްޓްރީ އަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށާއި އެކަމުގައި ހޯމް މިނިސްޓްރީއާ އެކު މަސައްކަތް ކުރުމަށް އެފްއޭއެމް އަށް އަންގަވާފައިވާނެ ކަމަށެވެ.
"ކްލަބުތަކުން އަޅުގަނޑަށް ގުޅާފައި ދެންނެވި އަޅުގަނޑުގެ ސަޕޯޓް ޝަވީދަށް އެބައޮތް ހެއްޔޭ. އަޅުގަނޑު އަދިވެސް މިދަންނަވަނީ އަޅުގަނޑުގެ ތާއިދު ޝަވީދުއަށް އޮތް ކަމަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ސަޕޯޓް ވެސް ޝަވީދަށް އެބައޮތޭ. އޭގެ މާނައަކީ އެހެން ބޭފުޅަކު ކުރިމަތި ނުލާށެކޭ ނޫން. އެހެން ބޭފުޅަކު ވެސް ވިން[ކާމިޔާބު] ވެއްޖެ ކަމުގައިވާ ނަމަ އެބޭފުޅަށް އަޅުގަނޑުގެ ފުރިހަމަ ސަޕޯޓް ލިބިގެންދާނެ. ނަމަވެސް އެފްއޭއެމްގެ އިންތިޚާބުގައި ގާނޫނީ ގޮތުން ފުރިހަމަ ނުވެ އޮތް ކަމެއް މިއޮތީ އަޅުގަނޑު ދަންނަވާނީ އެކަމުގައި ޔޫތު މިނިސްޓްރީ އިން ކުރެވޭނެ ކަމެއް ނެތޭ. އެކަމުގައި ހޯމް މިނިސްޓްރީއާ އެކު ކުރިއަށް ދާށޭ." ޒުހޫރު ވިދާޅުވި އެވެ.
ކުޅިވަރު އެސޯސިއޭޝާންތަކާކާ އެކު ޔޫތު މިނިސްޓްރީ އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ޔޫތު މިނިސްޓަރު ޒުޙުރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޢަލީ ނަސީރު
ރައީސްލުޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ޝަވީދުއާ މެދެ ތުހުމަތު ކުރެވޭ ކަމަށާއި އަދި އެފްއޭމްގެ އިންތީޚާބަށް ނުފޫޒު ފޯރުވުމަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއް އެސޯސިއޭޝަނެއްގެ ރައީސްއަކަށް އަނެއް އެސޯސިއޭޝަނެއްގެ ރައީސް ކަމަށް ކުރިމަތި ލެވެން އޮންނަ އޫސޫލަކީ އެންމެ އިންސާފުވެރި އުސޫލެއް ނޫން ކަމަށާއި އެކަމުގައި އެސިއޭޝަންތަކުގެ މެދުގައި މަޝްވަރާކޮށްގެން ނިންމަވަން ޖެހޭކަންކަން ހުރި ކަމަށެވެ. އަދި އެކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ތާއިދު ނުކުރައްވާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.