08 Dec 2015, 20:05
ގދ. ތިނަދޫއިން ފެނުނު އާސާރީ މިސްކިތް ދިރާސާ ކުރުމަށް ދިވެހިބަހުގެ އެކަޑެމީގެ ބޭފުޅުންނާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ބޭފުޅުން ހިމެނޭ ޓީމެއް ތިނަދޫ އަށް ޒިޔާރަތް ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސްނެންގެވުމުގެ ގޮތުން ދިވެހިބަހުގެ އެކަޑެމީ އިން އިންތިޒާމުކޮށްގެން ތިނަދޫ އަށް ކުރާ އެ ދަތުރުގައި ތިނަދޫގައި ހުރި އާސާރީ ހުކުރު މިސްކިތް ދިރާސާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލަން ނިންމާފައިވާ ކަަމަށް ދިވެހި ބަހުގެ އެކަޑެމީއިން ބުންޏެވެ.
ދިވެހިބަހުގެ އެކަޑެމީގެ ރައިސް އަޝްރަފް އަލީ މިއަދު ސަން އަށް ވިދާޅުވީ، ތިނަދޫ އިން ފެނުނު އާސާރީ މިސްކިތް ދިރާސާ ކުރުމަށްފަހު އެކުލަވާލާ ރިޕޯޓު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ތިނަދޫއިން ފެނުނު އާސާރީ ބިނާ ދިރާސާ ކުރުމަށް ދިވެހިބަހިގެ އެކަޑަމީގެ ބޭފުޅުންނާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ބޭފުޅުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ --- ފޮޓޯ: ކިޔުންތެރިއެއް
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެން ލަސްނުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އަޅުގަނޑުމެން މި އެކުލަވާލެވޭ ރިޕޯޓު ހިއްސާ ކޮށްފަ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ހެރިޓޭޖު ޑިޕާޓްމަންޓްގެ ފަރާތުން ރިޕޯޓު ހިއްސާ ކުރައްވާނެ. ދެން އެއަށްފަހު ކުރިއަށް އޮތް ތާނގައި މިތަން ވާންވީ ގޮތެއްގެ މައްޗަށް އެ ބޭފުޅުން ވަރަށް ބޮޑަށް މައުލޫމާތުތައް ހިއްސާ ކުރައްވައި އެކަމާ ގުޅުން ހުރި ފަރާތްތަކުގައި ދަންނަވައި ކުރިއަށް ގެންދަވާނެ،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، ތިނަދޫ އިން ފެނުނު އާސާރީ މިސްކިތަށް ފެންނަ ފެނުމަށް 85 އަހަރު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއަށް ވުރެ ގިނަ އަހަރު މިސްކިތަށް ވެފައިވާ ކަމަށް ތިނަދޫގެ ދުވަސްވީ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ.

ތިނަދޫއިން ފެނުނު އާސާރީ ބިނާ ދިރާސާ ކުރުމަށް ދިވެހިބަހުގެ އެކަޑަމީގެ ބޭފުޅުންނާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ބޭފުޅުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ --- ފޮޓޯ:ކިޔުންތެރިއެއް
ކުރީ ޒަމާނުގައި އެ މިސްކިތުގައި ނަމާދު ކުރި މީހުން އަދިވެސް އެ ރަށުގައި ތިބި ކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ތަޖުރިބާ ހުރި ފަރާތްތަކާއި ބައްދަލުކޮށް ތާރީހީ ގޮތުން އެ މިސްކިތުގެ މަސައްކަތް ހިނގާފައިވާ ގޮތުގެ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވީ، އަރަބި އަކުރުން 1355 ލިޔެފައިވާ ހިރިގަލެއް އެ މިސްކިތުން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް ދުވަސްވެފައި ހުރުމުގެ ސަބަބުން އެއީ 13 ކަމެއް ނުވަތަ 12 ކަމެއް ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ 1355 ކަމަށް ވާނަމަ އެއީ ޝަމްޝުއްދީން ރަދުންގެ ދުވަސްވަރު ކަމަށް އަޝްރަފު ވިދާޅުވި އެވެ.
އެއިރު ތިނަދޫ މިސްކިތުގެ ބޯގަ ފަތް ބާވެގެން އާ ބޯގަފަތެއް ހޯދުމަށް ޝަމްޝުއްދީން ރަދުންގެ އަރިހުގައި އެދުމުން އާ ފަތެއް ދެއްވާފައިވާ ކަމަށް ތާރީޚީ ލިޔުންތަކުން އެނގެން ހުރި ކަމަށް އަޝްރަފު ވިދާޅުވި އެވެ.
ތިނަދޫ އާސާރީ މިސްކިތުގެ ބިނާ ފެނިފައި ވަނީ މިހާރުގެ ހުކުރު މިސްކިތް ހުރި ސަރަހައްދުގައި އިސްލާމިކް ސެންޓަރެއް ހެދުމަށްޓަކައި އެތަން ތަޅައި ސާފު ކުރުމުގެ ތެރެއިންނެވެ.