09 Apr 2011, 12:11
އިނގިރޭސި ވިލާތުގެ ސައުތެމްޕްޓަން ބަނދަރުގައި އޮތް އެގައުމުގެ ނިއުކްލިއަ ސަބްމެރިންއެއްގެ އޮފިސަރަކު އެ ސަބްމެރިންގައި ތިބި އެހެން އޮފިސަރުންނަށް އެއްވެސް ބެލުމެއް ނެތި ބަޑިން ހަމަލާ ދީފި އެވެ.
އިނގިރޭސި ނޫހެއްކަމަށްވާ ޑެއިލީ މެއިލް ބުނާގޮތުގައި ބަޑިޖެހި މީހާ ހުއްޓުވީ އެވަގުތު އެސަބްމެރިންގައި ހުންނެވި ސައުތެމްޕްޓަން ސިޓީ ކައުންސިލްގެ ޗީފް އެގްޒެކެޓިވް ކުރެއްވި އާދަޔާ ޚިލާފު މަސައްކަތްޕުޅަކުންނެވެ.
ސަބްމެރިންގެ އޮފިސަރެއްކަމަށްވާ ރަޔަން ޑޮނޮވަން އޮޓަމެޓިކް ރައިފަލަކުން އެއްވެސް ބެލުމެއް ނެތި ސަބްމެރިންގެ އެތަން މިތަނަށް ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ އެހެން މީހަކު ޒަޚަމްވި ވަގުތު ސައުތެމްޕްޓަން ސިޓީ ކައުންސިލްގެ ޗީފް އެގްޒެކެޓިވް ރޮއިސްޓަން ސްމިތު ހުންނެވީ 1.2 ބިލިޔަން ޕައުންޑްގެ އަގުހުރި ނިއުކްލިއަ ސަބްމެރިން ، އެޗްއެމްއެސް އެސްޓިއުޓް ގެ ކޮންޓްރޯލް ރޫމްގަ އެވެ.
ހާދިސާ ހިނގި ގޮތް ސިފަކޮށް ދެއްވަމުން ރޮއިސްޓަން ވިދާޅުވި ކަމަށް ޑެއިލީ މެއިލްގައި ވެއެވެ.
" ހަނގުރާމައިގެ ހުރިހާ ހަތިޔާރަކާއެކު މީހަކު ނުކުތެވެ. އޭނަ އަތުގައި އޮތީ އާދައިގެ އަތްމަތީ ބަޑިއެއްނޫނެވެ. އެސްއޭ 80 ގެ އޮޓަމެޓިކް ރައިފަލެކެވެ."
ރައިފަލަކުން ސަބްމެރިންގައި ތިވި މީހުންނަށް ހަމަލާ ދެމުން ދިޔަ ޑޮނޮވަންއަށް ރޮއިސްޓަން ހަމަލާ ދެއްވީ ހުސްއަތާ އެވެ. އޭނާ ކުރެއްވި ކަމަކީ ޑޮނޮވަންގެ ފަހަތުން ހަމަލާ ދެއްވައި ވަރަށް ބާރަށް އޭނާ ބިއްގަނޑުގައި ޖެއްސެވީ އެވެ. އަދި ހަމަ އެވަގުތު އޭނާގެ އަތުގައި އޮތް ރައިފަލްގައި ހިއްޕަވާ އެރައިފަލް ދަންމަވައިގަތުމަށް ފަހު ޑޮނޮވަންއަށް އަތު ނުޖެހޭ ގޮތަށް މޭޒޭގެ ދަށަށް އެއްލަވައިލެއްވީ އެވެ.
ކުރިން އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގައި މަސައްކަތް ކުރައްވާފައިވާ ރޮއިސްޓަން ވިދާޅުވި ގޮތުގައި ޑޮނޮވަން ބަޑިޖަހަން ފެށި އިރު އޭނާއަށް ހުންނެވުނީ ޑޮނޮވަންއާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން ގޮތެއް ނިންމަން ވިސްނަވާނެ ވަގުތު ލިބިވަޑައެއް ނުގަތެވެ. އެހެން ވެ ސަބްމެރިންގައި ތިބި ސްކޫލްތަކުގެ ދަރިވަރުންނާއި ސިޓީކައުންސިލްގެ އިސް ބޭފުޅުން ސަލާމަތް ކުރެއްވުމަށްޓަކައި ހުސްއަތާ ވެސް ކުރިމަތި ލެއްވީ އެވެ.
ނިއުކްލިއަ ސަބްމެރިންގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އިނގިރޭސި ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. ހަމަލާދިން ޑޮނޮވަން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ސަބްމެރިންގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ވަގުތު އެ ސަބްމެރިން ބަލައިލުމަށްޓަކައި އެއަށް އަރާ ތިބި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ސްކޫލްތަކުގެ ސްކައުޓުން ވެސް ހިމެނެއެވެ. -- ޑެއިލީ މެއިލް