އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި ދާދި ފަހުން ބެހެއްޓި އެމްއާރްއައި މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އެ ހިދުމަތް ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުން އެމްއާރްއައިގެ ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެމްއާރްއައިގެ ހިދުމަތް ހޮނިހިރު ދުވަހު ދޭން ފަށާފައިވާއިރު 300 އެއްހާ މީހުން އެ ހިދުމަތް ހޯދުމަށް ކިއޫގައި ޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު "ސަން" އަށް ވިދާޅުވީ އެމްއާރްއައިގެ ހިދުމަތް ބޭނުންވެގެން ނަން ނޯޓު ކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެ ހިދުމަތް ދެމުން ގެންދާ ކަމަށެވެ. ފަރުހަތު ވިދާޅުވީ އެމްއާރްއައިގެ ހިދުމަތް މިހާރު ދެވެމުން ދަނީ ދުވާލެއްގެ މައްޗަށް 10 މީހުން ނުވަތަ 15 މީހުންނަށް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އެމްއާރްއައި ހެދުމުގައި އުޅޭ ޓެކްނިކަލް މުވައްޒަފުން އެ ހިދުމަތް ދިނުމަށް ރަނގަޅަށް އަހުލުވެރިވުމުން އެ އަދަދު ކުރިއަށް އޮތް ތާނގައި ގިނަވެގެން ދާނެ ކަމަށެވެ.

ފަރުހަތު ވިދާޅުވީ އެމްއާރްއައިގެ ހިދުމަތަކީ އާސަންދައިގެ ދަށުން ދެމުން އަންނަ ހިދުމަތެއް ކަމުން އެ ހިދުމަތަށް އެދި ބޭނުންވާ މީހުން ގިނަވާނެ ކަމަށެވެ.

"މީގަ މިވާ ގޮތަކީ ސަރުކާރު ހޮސްޕިޓަލެއްގައި އެމްއާރްއައި ހިދުމަތް ދޭން ފެށީމަ އަނެއްކާ މިތަނަކީ 100 ޕަސެންޓު އާސަންދަ ކަވާ ކުރާ ތަނެއްވީމަ އެމްއާރްއައި ހިދުމަތް ހޯދަން އަންނަ މީހުންގެ އަދަދު ގިނަވާނެ. މިހާރު ހިދުމަތް ހޯދަން ތިއްބެވި މީހުންތައް ނިމުމުން އަނެއްކާ ވެސް އަންނާނެ. އެހެންވީމަ އަޅުގަނޑުމެންގެ ހިދުމަތައް އެދި އަންނަ މީހުންގެ ކިއު ކުޑައެއް ނުވާނެ." ފަރުހަތު ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވީ އެ ހިދުމަތް ދިނުން ލަސްވީ އެ މެޝިނަށް ދިމާވި ހިއުމިޑިޓީ އިޝޫއެއްގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެ މެޝިނުގެ ކެލިބެރޭޝަނާއި އޭގެ ޓެސްޓިންގެ މަސައްކަތް ކުރަމުން ދަނިކޮށް އޭގެ ކުޑަ ބޯޑެއްގެ މައްސަލަ ޖެހިގެން އޭތި ރާއްޖެއިން ބޭރުން ގެންނަން ޖެހުނު ކަމަށެވެ.

އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް އެމްއާރުއައި މެޝިނެއް ބަހައްޓައި، އެމްއާރުއައިގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.