ލައިސެންސަކާ ނުލައި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުނިތައް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފާސްކުރި ކޮމިއުނިކޭޝަން އޮތޯރިޓީގެ ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފަ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލައިސެންސް ނެތި ޓެލެކޮމް ހިދުމަތް ފޯރުކޮށްދީ އެފަދައިން ރޭޑިއޯ މުވާސަލާތުގެ ތަކެތި އަތުގައި ހުއްދައެއް ނެތި ބަހައްޓާ ފަރާތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ނުވާނޭ ގޮތަށް ޖޫރިމަނާ ވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވުމަށް ފަހު ހިނގާ ކޮންމެ ދުވަހަކަށް އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނާ ގޮތުން ލައިސެންސެއް ނެތި ނެޓުވޯކު ކުރުމަށް ބޭނުންވާ ސާމާނު ބެހެއްޓުމުގެ އިތުރުން އެފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

ބިލުގައި ބުނާ ގޮތުގައި ޓެލެކޮމްގެ ލައިސެންސް ދޫކުރާ އޮތޯރިޓީން އެ ލައިސެންސް ދޫކުރާ އިރު ދެވަތަރެއްގެ ލައިސެންސް ދޫކުރާނެ އެވެ. އެއީ އިންޑިވިޖުއަލް ލައިސެންސާއި ކްލާސް ލައިސެންސެވެ.

އިންޑިވިޖުއަލް ލައިސެންސަށް އެ ފަރާތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް އެއް މިލިއަން ދިވެހި ރުފިޔާ އިން ޖުރިމަނާ ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ. އަދި ލައިސެންސްގެ ގަވާއިދުތަކާ ހިލާފުވާ ފަރާތުން ވެސް ހަމަ އެ އަދަދުން ޖޫރިމަނާވާނެ އެވެ.

ލައިސެންސްދޭ އޮތޯރިޓީގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ވެއްޖެ ނަމަ އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

އެ ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ފަލާހު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާ ގުޅުން ހުރި ހުރިހާ ކަމެއް ރާވައި ހިންގާނެ ގޮއްތަކެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ޓެލެކޮމްގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.