08 Dec 2015, 19:56
ވޮޝިންޓަން (ޑިސެމްބަރ 8): އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓިގެ ޕްރައިމަރީގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް އިއްޔެ ގޮވާލައްވައިފި އެވެ.
ސައުތް ކެރޮލީނާގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅު ނާޅައިފި ނަމަ އެމެރިކާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.
"އިންސާނެއްގެ ހަޔާތައް ހުރުމަތްތެރިކޮށް ނުހިތާ، [މައްސަލަތަކުގެ] ސަބަބަށް ބެލުމެއްނެތި ހަމައެކަނި ޖިހާދު ކުރުމާ ބެހޭ ގޮތުން ވިސްނާ ބައެއްގެ ސަބަބުން އަހަރުމެންނަށް އޮންނަ ނުރައްކާގެ މިންވަރު ކަމާބެހޭ ފަރާތްތަކަށް ނޭނގޭހާ ހިނދަކު މުސްލިމުން އެމެރިކާ އަށް ވަނުން މަނާ ކުރަން ޖެހޭ،" ޓްރަމްޕް މުސްލިމުންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަމުން ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އެމެރިކާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. އެގޮތުން، އެމެރިކާގައި ހުންނަ މިސްކިތްތަކަށް ފާރަލުމަށާއި އެމެރިކާގައި ދިރިއުޅޭ ހުރިހާ މުސްލިމުންގެ މައުލޫމާތު އެއްކޮށް ޑާޓާބޭސް އެއް ހެދުމަށް އެމެރިކާގެ ސަރުކާރަށް ގޮވާލައިފަ އެވެ.
ޓްރަމްޕްގެ އެބަސްފުޅަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. އެގޮތުން، ޕްރައިމަރީގައި ޓްރަމްޕްއާ ވާދަކުރައްވާ ޖެބް ބުޝް ވިދާޅުވީ ޓްރަމްޕްގެ ވާހަކަފުޅަކީ 'މޮޔަ' ވާހަކަފުޅެއް ކަމަށެވެ.
ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ، އާދިއްތަ ދުވަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޓީވީ މެދުވެރިކުރައްވައި ދެއްވި ޚިތާބެއްގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އެމެރިކާ އިން އިސްލާމް ދީނާ ދެކޮޅަށް ކުރާ ހަނގުރާމައަކަށް ހަދައިގެން ނުވާނެ ކަމަށާއި މުސްލިމުންނާއި މެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް ގޮވާލައްވާފައި ވަނިކޮށެވެ.