ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކްލާސްތަކެއް ރާއްޖޭގެ 54 ސްކޫލެއްގައި ހުޅުވާ އެފަދަ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް 93 ޓީޗަރަކު މިހާރު ތަމްރީންކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހަައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

"ރެދަން 2015" މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ އިތުރުން އަމިއްލަ ގިނަ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ކަމަށެވެ.

"ސިއްހީ ދާއިރާއިންނާއި އެންސްޕާ އާއި އާސަންދަ އަދި މިނިސްޓްރީ އޮފް ހެލްތު އިން ދަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން. އޭގެތެރެއިން ފާހަގަ ކޮށްލެވޭ ރާއްޖެއިން ނުލިބޭ ފަރުވާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކަންފަތަށް އަޑުނީވޭ ކުދިންނަށް ކޯކްލިއާ އިމްޕްލާންޓް ހޯދައިދިނުމުގެ މަސައްކަތް ވަނީ އެންސްޕާ އިން ފަށާފައި،" އޭނާ ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ އެންސްޕާއިން 105 ފަރާތަކަށް ވީލްޗެއާ ވެސް މިހާރު ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި 100 ފަރާތަކަށް ވޯކަރަކާއި 60 ފަރާތަކަށް ހިއަރިން އެއިޑް ވެސް އެންސްޕާގެ ފަރާތުން ފޯރުކޮށްދީފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ހިދުމަތްތައް، އިގްތިސޯދަށް އަންނަ ކުރިއެެރުންތަކާއެކު ރަނގަޅު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިއަދުގެ މައުރަޒަކީ އެކުދިންގެ މަސައްކަތް ބާޒާރަށް ނެރުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށެވެ.