08 Dec 2015, 20:14
މިދިޔަ ނޮވެމްބަރު މަހު އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑީޕީއިން މާލޭގައި ހުޅުވި ފަންޑު ފޮއްޓަށް ލިބުނު ފައިސާ، އައްޑޫސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފިއެވެ.
އެމްޑީޕީއިން އިން "މިންޖުވާން" މި ނަމުގައި ކުރި މުޒާހަރާގައި ހުޅުވި ފަންޑު ފޮއްޓަށް ލިބުނު 29،710.50 ރުފިޔާ އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމާއި ހިތަދޫ ދެކުނު ދާއިރާ މެމްބަރު އަލީ ނިޒާރެވެ.
ކައުންސިލްގެ ފަރާތުން އެ ފައިސާއާއި ހަވާލުވީ އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
ސޯބެ މިއަދު ސަން އަށް ވިދާޅުވީ، އެމްޑީޕީ އިން ހަދިޔާ ކުރި ފައިސާ ސިޓީ ކައުންސިލުން ހުޅުވާފައިވާ ފަންޑަށް ޖަމާކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ފައިސާ މިމަހުގެ 31 ވަނަ ދުވަހުގެ ފަހުން ބަހަން ނިންމާފައިވާ އިރު، ފައިސާ ބެހުމުގައި ތިން ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފައިސާ ބަހަން ނިންމާފައިވަނީ ފެންބޮޑުވި ގެތަކަށް ލިބުނު ގެއްލުމުގެ މިންވަރު ބެލުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.
އައްޑޫސިޓީ އަށް މިދިޔަ ނޮވެމްބަރު މަހު ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީގެ މަރަދޫފޭދޫ އަދި ފޭދޫގެ ގެތަކަށް ގެއްލުންވެ، ގޭގައި ގެންގުޅޭ ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.