ފޭސްބުކްގެ މެސޭޖިން އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާ މެސެޖުތަށް ވަކި ހިނދުކޮޅެއްގެ ތެރޭ ގެއްލޭ ގޮތަށް ނުވަތަ "ސެލްފް ޑިސްޓްރަކްޓް"ވާ ގޮތަށް ބޭނުން ކުރެވޭ ޚިދުމަތް ނުދިނުމަށް ނިންމައި އެ ޚިދުމަތް އުފެއްދި އިނޮވޭޝަން ލެބް ބަންދުކޮށްފި އެވެ.

މެސެންޖާއިން ކުރާ މެސެޖުތައް ގަޑިއިރެއްގެ މުއްދަތަށް ހުންނަ ގޮތަށް ހެދޭ އެ ޚިދުމަތަކީ މަޝްހޫރު ސޯޝަލް ނެޓްވޯކް "ސްނެޕްޗެޓް"އަށް ޚާއްސަ ފީޗާއެކެވެ.

އެ ޚިދުމަތް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޭސްބުކް އިން ބުނެފައިވަނީ މިދިޔަ މަހުގައެވެ. އަދި އޭރު އެ ޚިދުމަތް ޓެސްޓު ކުރުމަށް ފްރާންސްގެ ބައެއް އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް އެ ޚިދުމަތް ވަނީ ތައާރަފުވެސް ކޮށްފައެވެ.

ފޭސްބުކް އިން އެ ހިދުމަތް ދިނުން ކެންސަލް ކޮށްލަން ޖެހުނީ ކީއްވެގެން ކަމެއް ފޭސްބުކް އިން ބުނެފައެއް ނުވެއެވެ.

"މެސެންޖާ ބޭނުންކޮށްގެން މުއާސަލާތު ކުރާއިރު ގެއްލޭ މެސެޖުތަކެއް ކުރެވެން ފެށުމުން މެސެޖިންއަށް އިތުރު މަޖާ ކަމެއް އަންނާނެ. އަޅުގަނޑުމެން އުއްމީދު ކުރަން މި ޚިދުމަތަކީ ގިނަ ފަރާތްތަކަށް ކަމުދާނެ ހިދުމަތެއް ކަަމަށް. އަދި އާންމު ފަރާތްތަކުން މި ހިދުމަތާ މެދު ދެކޭގޮތް އެނގިގެންދާނެ،" ޚިދުމަތާ ބެހޭގޮތުން ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މެސެޖުތަކުގައި އާކައިވް ވަގުތުކޮޅަކަށް ހުންނަ ގޮތަށް ހެދުމަށްޓަކައި މެސެންޖާ އެޕްގެ ކޮންވަޒޭޝަން ތްރެޑުގައި އިންނަ ޚާއްސަ އައިކަން އަކަށް ފިތާލަން ޖެހޭނެ އެވެ. ކޮންވަޒޭޝަންގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް އެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ.

ސްނެޕްޗެޓާ ވާދަކުރުމުގެ ގޮތުން ތައާރަފުކުރާ އެ އެ ޚިދުމަތް "ސްލިންގްޝޮޓް" އަކީ އެކި ގޮތްގޮތުގައި ގިނަ ޕްލެޓްފޯމުތަކުގައި ބޭނުން ކުރާ ހިދުމަތެކެވެ. އެގޮތުން ސޯޝަލް ނެޓްވޯކެއް ކަމަށްވާ "ލައިން"ގައި "ހިޑެން ޗެޓްސް"ގެ ނަމުގައި ވަނީ އެފަދަ ހިދުމަތެއް ތައާރަފުކޮށްފައެވެ. "އެންކްރިޕްޓް" ކޮށްފައި ހުންނަ މެސެޖުތައް ފޮނުވޭ ގޮތަށް ހެދޭ އެ ހިދުމަތުގައި ވެސް ވަކި މުއްދަތަކަށް މެސެޖުތައް ހުންނަ ގޮތަށް ހެދޭނެ އެވެ.