ޓްވިޓާގެ މިއަހަރުގެ އެންމެ މަގުބޫލު ސާޗުތަކުގެ ތެރޭގައި މަޝްހޫރު ޕޮޕް ބޭންޑް "ވަން ޑައިރެކްޝަން" އާއި "ޕޮޕް ޕްރިންސެސް" އާރިއާނާ ގްރާންޑޭ ހޮވިއްޖެ އެވެ.

ޓްވިޓާ އިން އަހަރުގެ އެންމެ މަގުބޫލު ޓްރެންޑްތައް ހާމަކޮށްފައިވާއިރު ވަން ޑައިރެކްޝަން އަކީ ޓުވިޓާގެ މިއުޒިކް ކެޓަގަރީގައި އެންމެ ގިނައިން ބޭނުން ކޮށްފައިވާ ހޭޝްޓެގެކެވެ.

މިއަހަރު އެންމެ ފާހަގަކޮށްލެވޭ ޓްވިޓާ "މެންޝަންސް"ގެ ތެރޭގައި "ގޮޓް7" އާއި "ފިފްތު ހާމަނީ" އާއި “#NowPlaying” ހިމެނެއެވެ.

ޓްވިޓާގައި އެންމެ ގިނައިން ބޭނުން ކޮށްފައިވާ ނަންތަކުގެ އެއްވަނައަށް އައިސްފައިވަނީ އާރިއާނާ ގްރާންޑޭ އެވެ. އެއާއެކު އެ ލިސްޓުގައި ހިމެނޭ އިތުރު ފަރާތްތަކުގެ ތެރޭގައި ސެލީނާ ގޮމޭޒް އާއި ޑެމީ ލޮވާޓޯ އަދި އާޖެންޓޭނިއަން ލަވަ ކިޔުންތެރިޔާ އޮރިއާނާ ސަބަޓީނީ ހިމެނެއެވެ.

ޓީވީ ޝޯ އަދި ސީރީޒްގެ އެންމެ މަގުބޫލު ޓްވިޓާ ޓްރެންޑްސްގެ ތެރޭގައި އެއްވަނައަށް އައިސްފައިވަނީ "ނިކަލޯޑިއަން ކިޑްސް ޗޮއިސް އެވޯޑް" ހޭޝްޓެގެވެ. އޭގެ އިތުރުން އެހެން ހޭޝްޓެގްތަކުގެ ތެރޭގައި "އެމްޕަޔާ" އާއި "ދަ ވޯކިން ޑެޑް" ހިމެނެއެވެ.

އިމޯޖީތައް ބޭނުން ކުރުން ވަނީ ޓުވިޓާގައިވެސް މިއަހަރު އެތައް ގުނައެއް ގިނަވެފައެވެ. އެހެން ކަމުން އެންމެ ގިނައި ބޭނުން ކުރި އިމޯޖީ އަކީ "ކްރައި-ލާފް" އިމޯޖީއެވެ. އެ އިމޯޖީއަކީ އޮކްސްފޯޑް ޑިކްޝަނަރީގައި މިއަހަރު ހިމެނި ބަސް ވެސްމެއެވެ.