މި މަހު 29 ވަނަ ދުވަހު ކައިވެނިބައްލަވައި ގަންނަވާ އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަން ހަނީމޫން ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ސަރުކާރުން އެ ދެ ބޭފުޅުންނަށް އަރުވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ އިނގިރޭސި ޝާހީ ދެ ކަނބަލުންގެ ހަނީމޫން ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގަތުމަށް އެދި ރަސްމީ ދައުވަތެއް އަރުވައިވާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށާއި އެ ދެ ކަނބަލުން ރާއްޖެ ވަޑައިގަތުމަށް ދައުވަތު އެރުވީ އިނގިރޭސި ވިލާތާއި ދިވެހި ސަރުކާރާއި ދެމެދު އޮންނަ ގާތްގުޅުމަށް ރިއާޔަތްކޮށް ކަމަށެވެ.

"އަޅުގަނޑު ސޮއިކޮށްފައި އެ ދެ ކަނބަލުން ރާއްޖެ ވަޑައިގަތުމަށް ދައުވަތު މި އެރުވީ. އެއީ ހާއްސަކޮށް މިހާރުގެ ސަރުކާރާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ހާއްސަ ގުޅުންތަކުގެ ސަބަބުން،" ޒުލްފާ ވިދާޅުވި އެވެ.

އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމްސް ހަނީމޫން ހޭދަކުރައްވަފާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ 14 ގައުމެއްގެ ލިސްޓް ވަނީ ދުނިޔޭގެ ބޮޑަތި ޓްރެވަލް ވެބްސައިޓްތަކުގައި ޝާއިއުކޮށްފަ އެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން ސިސިލީ، ސީޝެލްސް، ކެންޏާ، ބާމިއުޑާ އަދި އޮސްޓްރޭލިޔާ ހިމެނެ އެވެ.

މުސްތަގުބަލުގައި އިނގިރޭސި ތަހުތު ވާރުތަވާނެ ޕްރިންސް ވިލިއަމްސް ހުސްވި އަހަރުގެ ނޮވެމްބަރު ކޭޓް އާ އެންގޭޖް ކުރެއްވުމާ އެކު ދުނިޔޭގެ ބޮޑަތި ކުންފުނިތަކުން އަންނަނީ އެ ދެ ކަނބަލުންގެ ޝާހީ ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމަށް ތަފާތު ހުށަހެޅުންތައް ހުށަހަޅަމުންނެވެ.

ޝާހީ އެ ކައިވެނި ބާއްވަނީ މިމަހުގެ 29 ވަނަ ދުވަހު ލަންޑަންގެ ވެސްޓް މިންސްޓާ އަބޭގަ އެވެ. އިނގިރޭސި ސަރުކާރުން މިހާރު ވަނީ އެ ދެ ކަނބަލުންގެ ޝަރަފުގައި އެ ދުވަހަކީ އިނިގިރޭސި ވިލާތް ރަސްމީ ބަންދު ދުވަހެއްކަމުގައި ހަމަޖައްސައިފަ އެވެ.