އަލަށް ތައާރަފު ކުރާ ޕާސްޕޯޓާ އެކު އެއާޕޯޓުގައި އީ-ގޭޓް ބަހައްޓައި ކިއޮސްކް ބަހައްޓަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ޗީފް ޕްރިންސިޕަލް އޮފް އިމިގްރޭޝަން ހަސަން ޚަލީލް ވިދާޅުވީ އީގޭޓު ޚިދުމަތް އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ތައާރަފް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީ-ގޭޓް ތައާރަފުކުރުމުން ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުމަށް އިމިގްރޭޝަން އޮފިސަރުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެލްފް ޗެކް އިންނާނެ. އަމިއްލައަށް ޕާސްޕޯޓު މެޝިންގައި ޖައްސާލާފައި ބައިމެޓްރިކްސް ދީފަ ދިޔައީމަ އެ ކާކުކަން ދެނެގަތީމަ، ބޯޑިން ޕާހާއި އެއްޗެހި ޖެއްސީމާ ފުރައިގެން ދެވޭނެ،" ޚަލީލް ވިދާޅުވިއެވެ.

ފުރަތަމަ ޚިދުމަތް ފެށިގެން އަންނަ އިރު އީ-ގޭޓް ހުންނާނީ ހަމައެކަނި އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އަދި އެރައިވަލް ތިން ގޭޓު ބަހައްޓާނެ ކަމަށާއި ފުރުމަށް އެއް ގޭޓު ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް ޚަލީލު ވިދާޅުވި އެވެ.

ޕާސްޕޯޓް ކިއޮސްކް ވެސް ޖެނުއަރީ މަހުގެ ތެރޭގައި ބެހެޓުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މެޝިންތައް ބޭނުންކޮށްގެން ފައިސާ ދެއްކުމަށްފަހު، ކުރިން ޕާސްޕޯޓް ހައްދާފައިވާ ފަރާތެއް ނަމަ އަމިއްލައަށް ޕާސްޕޯޓު އާކޮށްލެވޭނެ،" ޚަލީލް ވިދާޅުވި އެވެ.

އެ ޚިދުމަތަށް ބޭނުންވާ މެޝިންތައް ލިބިފައިވާ އިރު މިހާރު ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.