މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި ކަސްޓަމްސްއަށް ޑިކްލެއާނުކޮށް މުދާ އެތެރެކުރި މައްސަލައެއް ކަސްޓަމްސް ސާވިސްއިން ބަލަން ފަށައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އެ ފަރާތުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މާލޭ ބަނދަރުގައި އޮތް ދެ ބޯޓެއްގައި ކަސްޓަމްސް އަށް ޑިކްލެއާނުކޮށް މުދާހުރި ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން ދެ ބޯޓެއް ބަލައި ފާސްކޮށް ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެ އެ ދެބޯޓާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަކުން ނުދެ އެވެ.

ކަސްޓަމްސްއަށް ޑިކްލެއާނުކޮށް އެތެރެކުރި ބައެއް މުދާ -- ފޮޓޯ ކަސްޓަމްސް

ބަލައި ފާސްކުރުމުގެ ތެރޭގައި ބޯޓުގެ ފަޅުވެރިން ގެނައި ތަކެތީގެ ތެރެއިން "ކުރޫ ޑިކްލަރޭޝަން"ގައި ހިމަނާފައިވާ އަދަދަށް ވުރެ އިތުރުވާ މުދަލާއި އަދި ޑިކްލަރޭޝަންގައި ހިމެނިފައިނުވާ ބައެއް ތަކެތި ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ޑިކްލަރޭޝަންގައި ނުހިމަނައި ހުރި މުދަލުގެ ގޮތުގައި ޕެސްޓް ކޮންޓްރޯލް ކެމިކަލް، ފުޑް ކަލަރ، ގޮދަޑި، ސޯފާ، ބައިސްކަލް، ސައިކަލް ސްޕެއަރޕާޓްސް، ގަސްއިންދާ ޕޮޓް، ހިލަވެލި ފަދަ ތަކެތި ވެސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެމައްސަލަ މިހާރު ކަސްޓަމްސް އިން ދަނީ ބަލަމުންނެވެ.

ކަސްޓަމްސްއަށް ޑިކްލެއާނުކޮށް އެތެރެކުރި ބައެއް މުދާ -- ފޮޓޯ ކަސްޓަމްސް

އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ ތަކެއްޗަކީ "ކްރޫ ޑިކްލަރޭޝަން" މެދުވެރިކޮށް ކަސްޓަމްސް އަށް ޑިކްލެއާކުރަން ޖެހޭ ތަކެއްޗެކެވެ. ތަކެތި ޑިކްލެއާ ކުރުމުގައި ސަމާލުކަން ދިނުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.