08 Dec 2015, 14:48
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މ. ޝުރާމަންޒިލް ހާމިދު އިސްމާއިލްގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ހާމިދު ހައްޔަރުކޮށްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެ މައްސަލައާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުުހުމަތުގަ އެވެ.
ފުލުހުން ބުނީ ހާމިދުގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައި ވަނީ ހާމިދު އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުން ވެސް ހިމެނޭ ކަމަށެވެ.