08 Dec 2015, 14:45
އަންނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ޕާސްޕޯޓު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ޕްރިންސިޕަލް އޮފް އިމިގްރޭޝަން ހަސަން ޚަލީލް ވިދާޅުވީ އައު ޕާސްޕޯޓަކީ ސަލާމަތީ ގޮތުން ވަރުގަދަ ވާނެ ޕާސްޕޯޓެއް ކަމަށާއި ދިވެހި ސަގާފަތު ވެސް އެ ޕާސްޕޯޓުން ރަމްޒުކޮށްދޭނެ ކަމަށެވެ.
ޚަލީލް ވިދާޅުވީ އެންމެ ޒަމާނީ އަދި ސަލާމަތީ ކަންތައްތަކާ އެކު ތައާރަފުކުރާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖު ތައްޔާރުކޮށްފައި ވާނީ ޕޮލިކާބަން ބޭނުންކޮށްގެން ކަމަށެވެ.
"ޕޮލިކާބަން ބޭނުންކުރުމުގެ ސަބަބުން ލިބޭ އެންމެ ބޮޑު ފަސޭހައަކަށް ވާނެ، އަޅުގަނޑުމެންނަކީ ދަތުރުފަތުރު ކުރާ ބައެއް. ކަނޑު އެބަ އޮތް، ފެން ޖެހި އެހެންވީމާ މިހާރު ގެންގުޅޭ ޕާސްޕޯޓުގެ ޑޭޓާ ޕޭޖު ހަލާކުވާ ގޮތް އެބަ ދިމާވޭ. ފޮޓޯ ގަނޑު އެބަ ފޭދޭ. ޕޮލިކާބަން ޕާސްޕޯޓް އައުމުން މިކަން ހައްލު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޕާސްޕޯޓުގެ މުޅި ޑިޒައިން އެއްކޮށް ބަދަލު ކުރުމަށް ނިންމާފައި ވާއިރު، އައު ޕާސްޕޯޓުން ދައްކުވައިދޭނީ ރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަމެވެ.
އަންނަ އަހަރުން ފެށިގެން ޕާސްޕޯޓަށް ބަދަލު ގެނައުމަށް ނިންމާފައި ވީނަމަވެސް އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އަދި މިހާރުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެ ކަމަށް ވެސް ޚަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖެނުއަރީ މަހު އައު ޕާސްޕޯޓުތައް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ޕާސްޕޯޓު ޚިދުމަތް ދެވޭ އަދަދުވެސް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ޕާސްޕޯޓް ޚިދުމަތްދޭ ބައިގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް ނިމުމުން ދުވާލެއްގެ މައްޗަށް ޚިދުމަތް ދެވޭ އަދަދު އިތުރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.