08 Dec 2015, 14:25
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބައެއް ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދެވިފައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް(އެފްއޭއެމް) އިން އެ ޓީމަށް ލިބެން ޖެހޭ ބައެއް ފައިސާ ނުލިބޭތީކަމަށް އެ ޓީމުން ބުނެފި އެވެ.
ނިއުގެ ޑިރެކްޓަރު އޮފް ފުޓްބޯލް އަންވަރު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ އައްޑޫގައި އޮތް ޕުރެޒިޑެންޓް ކަޕްގައި ވާދަކުރަން އެހްން ޓީމްތަކަށް އެޑްވާންސް ފައިސާ ދިފައިވާ އިރު ނިއު އަށް އެޑްވާންސްކޮށް ފައިސާ ދިފައި ނުވާ ކަމަށެވެ. އެހެން ކަމުން އައްޑޫގައި އެ ޓީމް ހުރި ގެއަށް ވެސް އެއްކޮށް ފައިސާ އަދި ދެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އައްޑޫގައި ތިބި ގެއަށް ވާނީ 43 ޕަސެންޓް ފައިސާ ދައްކާފައި އަދި ވަރަށް އަވަހަށް ބާކީ ހުރި ފައިސާ ވެސް ދައްކައި ނިއްމާނެތް. ޕްރެޒިޑެންޓް ކަޕްގެ ރަނަރަޕަށް ދިއުމުން ދޭން ޖެހޭ ފައިސާ ވެސް ލިބުނީ މި ހަފްތާގައި،" އަންވަރު ވިދާޅުވި އެވެ.
އަންވަރު އެހެން ވިދާޅުވެފައިވާ އިރު ނިއުގެ ޓީމް އިން އައްޑުގައި ތިބި ގޭގެ ވެރިފަރާތް ކަމަށްވާ ހިތަދޫ، ސްކައި، އަހްމަދު ސައީދު ވަނީ އޭނާ އަށް ލިބެން ޖެހޭ ފައިސާތަކެއް ނުލިބުމާ ގުޅިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ގޮވައިގެން ކޯޓަށްދާން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އަންވަރު ވިދާޅުވީ، ސައީދުއާ ވާހަކަ ދެކެވިފައިވާ ކަމަށާއި އެފްއޭއެމް އިން ނިއު އަށް ލިބެން ޖެހޭ ފައިސާތައް ލިބުނުހާ އަވަހަކަށް އެ ފައިސާ ދައްކާނެ ކަމަށް ބުނެފައިވާނެ ކަމަށާއި، ފައިސާ ލިބުންލަސްވާ ނަމަ ކޯޓަށް ދާން ސައީދަށް އަންގާފައިވާނެ ކަމަށެވެ.
"ލީގް ޗެމްޕިއަންކަން ހޯދުމުން ނޭނގެ ކިހާވަރެއްކަމެއް ލިބެނީ ވެސް. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ރަމްޒީ ޗެކެއް ވެސް ނުދޭ އަޅުގަނޑުމެން ނަކަށް. އެފްއޭއެމް އަކުން އަޅުގަނޑުމެނަކަށް ނާންގާ އަދި ދޭނެ ދުވަހެއް ލިބޭނެ ވަރެއް ވެސް،" އަންވަރު ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލު މިއަދު 'ސަން' އަށް ވިދާޅުވީ ލީގު ޗެމްޕިއަން ޓީމްކަމަށްވާ ނިއު ދޭން ޖެހޭ 350،000ރ. ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށެވެ.