ކުރީގެ ރައީސް މުހައްމަދު ނަޝީދު މައިބަދައިގެ އޮޕަރޭޝަން ރާއްޖެއިން ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި ރާއްޖެއިން ބޭރަށް ދިއުމަށް ލަފާ ދެއްވާފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ނަޝީދުގެ މައިބަދައަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އޮޕަރޭޝަން ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަރެކްޝަންގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒް 'ސަން' އަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި "ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދެއްވާފައި ނުވާ" ކަމަށެވެ.

ނަޝީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައިވީ ނަމަވެސް އެ ހުއްދަ ނުދޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަން ފައިލް ފޮޓޯ

"އެ ބޭފުޅުން ވިދާޅުވަނީ ގަވާއިދުގެ ދަށުން ރާއްޖެ އިން ބޭރަށްދާން ހުއްދަ ދޭނަމޭ. އެ ގަވާއިދުގައި ބުނަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ބޯޑަކުން ހުއްދަ ދީގެން ކަމަށް ބޭރަށް ދެވޭނީ. އެކަމަކު ރައީސް ނަޝީދަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދައްކައިދީފައެއް ނުވޭ،" ނަޝީދުގެ ވަކީލު ހިސާން ހުސައިން ވިދާޅުވި އެވެ.

ނަޝީދަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނެ އޭނާގެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އާއިލާއިން ބުނީ ނަޝީދަށް ބޭނުންވާ ފިސިއޮތެރަޕީ ހެދުމަށްވެސް ފުރުސަތު ނުދެއްވާ ކަމަށެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.