ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ތަރުހީބު ދިނުމަށް ލަވައެއް ހެދުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

މި މަހު 23 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުގައި ފަށާ ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނިމުގެ ގޮތުން ބޭނުން ކުރުމަށް ހަދާ ލަވަ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެފްއޭއެމް އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެފްއޭއެމުން ބުނީ، އެންމެ މޮޅު ލަވައަކަށް 20،000ރ. ގެ އިނާމެއް ދޭނެ ކަމަށާއި ހުށަހަޅާ ހުރިހާ ލަވަތައް ވެސް އެފްއޭއެމްގެ ހަރަކާތްތަކުގައި ބޭނުން ކުރާނެ ކަމަށެވެ.

އެ އިދާރާއިން ހާމަ ކުރި ގޮތުގައި އެންމެ މޮޅު ލަވައެއް ހޮވާނީ ސަޕޯޓަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ.

މިދިޔަ މަހުގެ 28 ގައި ދިވެހި ޕްރިމިއާ ލީގް ނިމުމަށްފަހު 30 ކުޅުންތެރިންނާއެކު މިހާރު ވަނީ ގައުމީ ޓީމުގެ ޕްރެކްޓިސް ނިއު ޒީލެންޑްގެ ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ގަލޮޅު ދަނޑުގައި ފަށާފައެވެ. އަދި މި ހަފްތާތެރޭގައި ގައުމީ ޓީމް އިތުރު ތަމްރީންތައް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމަށް އަންނަނީ މަސަތްކަތް ކުރަމުންނެވެ.

ޓީމު ކޭމްޕްކުރުމަށް އެފްއޭއެމުން ބަލަމުން އަންނަނީ ކުވޭތު، ގަތަރު އަދި ބަހުރޭނަށެވެ. އަދި ވަކި ގައުމެއް ފައިނަލްނުވެ އެވެ. ބެލެވޭ ގޮތުގައި ސްކޮޑް ފައިނަލްކުރާނީ ކޭމްޕަށް ފަހު އެވެ.

ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ނުކުންނައިރު، ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ބޫޓާނާއި ބަންގްލަދޭޝްއާ އެކު ގްރޫޕް ބީގަ އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެއަށް ފަހު 26 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރުމަށްފަހު، ގްރޫޕް ފަހު މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅޭނީ މި މަހު 28 ވަނަ ދުވަހު އެވެ.