08 Dec 2015, 14:06
ރޭޑިއޯ ވޭވްސް ނުވަތަ ވަޔާލެސް ނެޓްވޯކް ބޭނުންކޮށްގެން ހަކަތަ އުފައްދާ އަދި ޗާޖު ކުރާ ވަޔާލެސް ޓެމްޕަރޭޗާ ސެންސަރެއް، ދަޗް ރިސާޗަރުން އުފައްދައިފި އެވެ.
ޑަޗް ރިސާޗަރުން އުފެއްދި ދެ މިލިމީޓަރުގެ ސެންސަރަކީ ބޮޑެތި ޑިވައިސްތައް ކުޑަ ކުރުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމުގެ ސައިންޓިސްޓުން ބުނެ އެވެ. ސަބަބަކީ އެފަދަ ގޮތަކަށް ޗާޖު ކުރެވޭ ޑިވައިސްތަކެއް އުފެއްދުމުން މިހާރު ޑިވައިސްތަކުގައި ބޭނުން ކުރާފަދަ ބޮޑެތި ބެޓެރިތަކެއް ބޭނުމެއް ނުވާނެ އެވެ.
އެ ސެންސަރު މަސައްކަތް ކުރުމަށް ބޭނުން ވާނީ ރައުޓަރަކުން ވަޔާލެސް ނެޓްވޯކް އެކެވެ. އެއަށް ފަހު އެ ނެޓްވޯކް މެދުވެރިކޮށް އެ ސެންސަރު ޗާޖުވާން ބޭނުންވާ ވަރަށް ހަކަތަ އެއްކުރާނެ އެވެ. އަދި ހަކަތަ އެއްވުމުން އެ ސެންސަރު މަސައްކަތް ކުރަން ފަށާނެ އެވެ.
އެ ޓެކްނޮލޮޖީގެ ބޮޑު މައްސަލައެއް އެބައޮތެވެ. ސެންސަރުތައް މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ސެންސަރުތައް ބަހައްޓަން ޖެހޭނީ ނެޓްވޯކް ޑިވައިސްތަކާއި އިންޗިއެއްހާ ކައިރީގަ އެވެ. ނަމަވެސް އެއީ ބޭނުންތެރި ގޮތެއް ނޫނެވެ.
ރިސާޗަރުން ބުނެފައި ވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސެންސަރުތަކުގެ ރޭންޖު 10 ފޫޓަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާކަމަށެވެ. އަދި އެއަށް ފަހު 18 ފޫޓު ދުރުން ވެސް އެ ޑިވައިސްތައް ބޭނުން ކުރެވޭ ފަދަ ގޮތްތަކެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިސާޗަރުން ބުންޏެވެ.
އެފަދަ ސެންސަރެއް އާންމު ހާލަތްތަކުގައި ބޭނުން ކުރަން ފެށުމުން ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. އެގޮތުން ވަކި ވަރަކަށް ސަރަހައްދެއް ހޫނު ވުމުން ނުވަތަ ފިނި ވުމުން ޑިވައިސް ހައިބަނޭޝަން އަށް ދިޔުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. އޭގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެގެންދާނެ އެވެ.
ރިސާޗަރުން ބުނީ އެ ސެންސަރުތަކަކީ އުފެއްދުމަށް ބޮޑު ހަރަދެއް ނުވާ ސެންސަރުތަކެއް ކަމަށެވެ. އެހެން ކަމުން ހެޔޮ އަގުގައި ސެންސަރުތައް ބޭނުން ކުރެވޭނެ ކަމަށް ވެސް ރިސާޗަރުން ބުންޏެވެ.