08 Dec 2015, 12:30
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި "އަލިފާން ނިވި" ހަރުކޮށް، ބެލެހެއްޓުން އެޑިއުކޭޝަން މިނިސްޓްރީ އިން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވިކް)އާ ހަވާލުކޮށްފި އެވެ.
އަލިފާން ނިއްވުމަށް ބޭނުންވާ އާލާތްތައް ސްކޫލްތަކުގައި ހަރުކުރުމަށް ސިފައިންގެ ސިވިކް ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި ސިވިކް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ވަކިވަކި ރަށްރަށުގައި އަލިފާން ނިއްވާ އާލާތްތައް ހަރުކޮށް އެތަކެތި ބެލެހެއްޓުމަށް މިނިސްޓްރީއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"އެހެންވީމާ މިދައިރާގެ ތަޖުރިބާކާރުންނާއި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެވިއްޖެ ކަމުގައިވާ ނަމަ އެބައިތައް ވަރަށް ލުއިވެގެން ދާނެ ކަމަށް ފާހަގަ ކުރެވޭ،" ތިން އަހަރަށް ސިވިކްއާ ހަވާލު ކުރި މަސައްކަތާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިކް ކުންފުނީގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން އަލިފާނުގެ ހާދިސާތަކުން ސުކޫލްތައް ރައްކާތެރި ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން ކުރައްވާނެ ކަމަށެވެ.
"އަލިފާނުގެ ހާދިސާތަކުން ސްކޫލްތައް ރައްކާތެރި ކުރުމަށް އަދި ކުދިން ރައްކާތެރިކޮށް، ސްކޫލްތަކުގެ މުދާ ރައްކާތެރިކޮށް ހަރު ކުރަން ޖެހޭ ހުރިހާ އާލާތްތައް ބަހައްޓާ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަޅުގަނޑުމެން މިއަދުން ފެށިގެން ކުރާނަން،" ޒުހައިރު ވިދާޅުވި އެވެ.
އަދި ކައިރި މުސަތްގުބަލެއްގައި ރާއްޖޭގެ ހުރިހާ ރަށްރަށުގެ ސުކޫލްތަކުގައި އަލިފާން ނިއްވުމަށް ބޭނުންވާ އާލާތްތައް ގާއިމު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ޒުހައިރު ވަނީ މިނިސްޓަރަށް ދެެއްވައިފަ އެވެ.