ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނުމުން ސާވިސް އެލަވަންސް ފައިސާއިން އުނިކުރާ ގޮތަށް ސިވިލް ސާވިސް ގަވާއިދުގައި އޮންނަ މާއްދާ އަކީ ޤާނޫނާ ޚިލާފު މާއްދާއެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމުން، ދެން އަމަލު ކުރާނެ ގޮތުގެ ލަފަޔަކަށް ސިވިލް ސާވިސް ކޮމިޝަނުން އެޓެނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމް މިއަދު ސަން އަށް ވިދާޅުވީ ހައި ކޯޓުގެ ހުކުމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ލަފަޔަކަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

ސިވިލްސާވިސް މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކުގައި ސާވިން އެލަވަންސުން އުނިކުރަންޖެހޭނެ ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބުނާ މާއްދާ ހައި ކޯޓުން ބާތިލް ކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފެއްކަމުގައިވާ ސ. ހިތަދޫ މެރިންގޯލްޑް ހުސައިން ހަބީބު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ރ) ގައި، ކޮންމެ މީހަކަށްމެ އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެހެންކަމުން ކުރިން ސަލާމް ބުނެގެން އުނިކޮށްފައިވާ ފައިސާތައް އަނބުރާ ދިނުމާ މެދު އޭޖީގެ ލަފަޔަކަށް އެދިފައިވާއިރު، މިހާރު ދިރާސާތަކެއް ކުރެވެމުން އަންނަ ކަމަށާއި އެއަށްފަހު ކޮމިޝަނަށް ލަފައެއް އަރުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށާއި އެ ޖުމްލައަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް މީގެ ކުރިން ދައުލަތުން ވަނީ ކޯޓުގައި ބުނެފައެވެ. އަދި މިދިޔަ ޖުލައި މަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވެސް ނިންމާފައި ވަނީ ސިވިލް ސާވަންޓުން ސަލާމް ބުނެގެން ސާވިސް އެލަވަންސުން ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ.