ޗެންނާއީ (ޑިސެމްބަރ 8):ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ޗެންނާއީއަށް އެހީގެ ގޮތުގައި ފޮނުވާ ކާނާއާއި އެހެނިހެން ތަކެތީގައި ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ފޮޓޯ ޖެހުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ބައެއް ސަލާމަތީ ފަރާތްތަކުން ބުނި ގޮތުގައި އެހީގެ ގޮތުގައި ފޮނުވާ ތަކެތީގައި ޖަޔާލަލީތާގެ ފޮޓޯ ޖަހާފައި ވަނީ އޭނާ އިސްވެ ހުންނަ ޕާޓީ އޭއައިއޭޑީއެމްކޭގެ މެމްބަރުންނެވެ. އަދި އަމިއްލަ ފަރާތްތަކުން ފޮނުވި ބައެއް ތަކެތީގައި ވެސް ޖަޔާލަލީތާގެ ފޮޓޯ ގަދަކަމުން ޖެހިކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އެ ފޮޓޯތައް އާއްމުވެ، އާއްމުންގެ ފާޑުކިޔުންތައް އިތުރުވުމުން އޭއައިއޭޑީއެމްކޭ އިން ވަނީ އެފަދައިން އަމަލު ކުރި ޕާޓީގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޝަކުވާއެއް އޮތް ނަމަ ޕާޓީ އަށް އެންގުމަށް ޕާޓީގެ ފަރާތުން ކުރި ޓުވީޓެއްގައި އެދިފައިވެ އެވެ.

މީގެ އިތުރުން، ޖަޔާލަލީތާގެ ފޮޓޯ ބޭނުންކޮށްފައި ވާނީ އޭއައިއޭޑީއެމްކޭ އިން ފޯރުކޮށްދިން އެހީގެ ބާވަތްތަކުގައި އެކަނި ކަމަށް ޓަމިލް ނާޑޫގެ ފޮރެސްޓް މިނިސްޓަރު އެމްއެސްއެމް އަނަންދަން ވިދާޅުވި އެވެ.

ޗެންނާއީގެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން އެކަށީގެންވާ ވަރަށް އެހީ ފޯރުކޮށްނުދޭ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފަ އެވެ.