09 Apr 2011, 10:18
މިދުވަސްވަރު ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ ވިޔަފާރި އަށް ނޭދެވޭ އަސަރުކުރާތީ ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވަގުތީ ގޮތުން ވިއްކުން ގެލެކްސީ އެންޓާ ޕްރައިޒަސް އިން އިއްޔެ ހުއްޓާލައިފި އެވެ.
ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އެންމެ ފުޅާކޮށް ވިއްކާ އެއް އެޖެންޓް، ގެލެކްސީ އިން އިއްޔެ އާންމު ކުރި ނޫސްބަޔާނެއްގައި ބުނަނީ ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވިއްކަމުން އަންނަނީ ދިވެހި ރުފިޔާ އިން ކަމުގައި ވީނަމަވެސް ސްރީލަންކަން އެއާލައިންސް އަށް ގެލެކްސީން ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ބޭންކުތަކުން ޑޮލަރު ނުލިބި، ދިވެހި ރުފިޔާ ޑޮލަރަށް ބަދަލު ނުކުރެވޭތީ އިއްޔެ އިން ފެށިގެން ގެލެގްސީ އާއި އެ ކުންފުންޏާ ގުޅުން ހުރި އެހެން އެޖެންޓުން ވެސް ޓިކެޓް ވިއްކުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
"... ރާއްޖޭގައި މި ވަގުތު ވަނީ ޑޮލަރުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވުމާ އެކު، އަޅުގަނޑުމެން ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ދިވެހި ރުފިޔާ އިން ވިއްކުމަށް ފަހު އެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އަށް ބޭނުންވާ ޔޫއެސްޑޮލަރު ބޭންކްތަކުން ގަންނަން ނުލިބޭ،" ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވިއްކުން ހުއްޓާލިކަން އިއުލާން ކުރަމުން ގެލެކްސީން އާންމު ކުރި ނޫސްބަޔާނުގައިވެ އެވެ.
ގެލެކްސީގެ ކައުންޓަރުތަކުން ނާއި އެޖެންޓުން ޓިކެޓް ވިއްކުން ހުއްޓާލި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް ސްރީލަންކަން އެއާލައިންސްގެ ވެބްސައިޓުން އޮންލައިންކޮށް ޓިކެޓް ލިބޭނެ ކަމަށް ގެލެކްސީން ބުންޏެވެ. އަދި ބުނީ ޑޮލަރުގެ ތާށިކަން ހައްލުވިހާ އަވަހަކަށް ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ.
ޑޮލަރުގެ ތާށިކަމާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވިއްކުން ގެލެކްސީން ހުއްޓާލި އިރު މިދިޔަ ހަފްތާ އިން ފެށިގެން ފުލުހުން ވަނީ ޑޮލަރުގެ ކަޅު ބާޒާރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.