ހާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކަމަށާއި ވަކިވަކި ގައުމުތަކުގައި އަމަން ގާއިމް ކުރެވޭނީ ސަރަހައްދީ އަމާންކަން ޔަގީންކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެމުނާއްސަބަތުގައި ރައީސް ޔާމީން ފޮނުވި މެސެޖްގައި ވިދާޅުވެފައި ވަނީސަރަހައްދީ ތަރައްގީގެ އުއްމީދުތައް ހާސިލްކުރުމަށްޓަކައި ބޭނުންވަނީ ހުރިހާ ގައުމުތަކެއް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫހުކަމަށެވެ.

މިއަދު ދެކުނު އޭޝިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަކީތިމާވެށީގެ ނުރައްކަލާއި ގުދުރަތީ ބޮޑެތި ކާރިސާތައް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"ޓެރަރިޒަމްގެ ބިރާއި، ހައްދުފަހަނަޅާދިއުމުގެ މައްސަލަތައްވެސް މިއަދު ވަނީ ބޮޑުވެފައި. ސަރަހައްދީ ތަރައްގީ ހޯދަން ބޭނުންނަމަ، މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ހުރިހާ ގައުމަކުން އަތުގުޅާލައި، އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ސަރަހައްދީ ހުރިހާ ގައުމަކުން ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކިބައިން މިސާލު ނަންގަވައިވަށްޓެރި ގައުމުތަކާ ގުޅުން ބަދެހިކުރެއްވުމަށް މަސައްކަތް ކުރުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.

ސާކުގެ އުސޫލުތައް ނަގަހައްޓައި، ސަރަޙައްދީ ގުޅުންތައް ރަނގަޅުކޮށް ދެކުނު އޭޝިޔާގެ ތަރައްގީއަށްޓަކައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފަ އެވެ. އަދި ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ގައުމަކުންވެސް އިސްކަން ދޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.