08 Dec 2015, 11:34
ކޮމަން ވެލްތު ގައުމުތަކުގެ ، 18 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުގެ ޒުވާނުންގެ ތެރެއިން، އެ ޒުވާނުން ނިސްބަތްވާ މުޖުތަމައަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ ޒުވާނުންނަށް އިނގިރޭސި ރާނީ ދެއްވާ ' ކްއީންސް ޔަންގް ލީޑަރސް އެވޯޑް' ދިވެހި ޒުވާނެއް ކަމަށްވާ ސަފާތު އަޙުމަދު ޒާހިރަށް ލިބިއްޖެ އެވެ.
ލިބިފައިވާ ހުނަރު ބޭނުންކޮށްގެން މުޖުތަމައުގެ މީހުންގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ޒުވާނުންގެ ތެރެއިން ހޮވައިލެވޭ ޒުވާނުންނަށް މިދިޔަ އަހަރު އެ އެވޯޑް ސަފާތު އަށް ލިބުމުން އޭނާ ވެފައި ވަނީ އެ އެވޯޑް ލިބުނު ފުރަތަމަ ދިވެހި ޒުވާނާ އަށެވެ.
އެވޯޑާ އެކު ލިބޭ ފުރުސަތުތަކުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމާއި އިނގިރޭސި ރާނީ އެލިޒަބަތުގެ އަތްޕުޅުން އެވޯޑް ލިބިގަތުމަށް ޓަކައި އިނގިރޭސިވިލާތުގައި އެއް ހަފުތާ ހޭދަކުރުމުގެ ފުރުސަތު ހިމެނެއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން އިންޑިއާއާއި ބަންގްލަދޭޝްއާއި ޕާކިސްތާނާއި ސްރީލަންކާގެ ބައެއް ޒުވާނުންނަށް ވެސް ކްއީންސް ޔަންގް ލީޑަރ އެވޯޑް މިފަހަރު ލިބުނެވެ. އެގޮތުން އިންޑިއާއާއި ޕާކިސްތާން ފިޔަވައި އެހެން ގައުމުތަކުން އެވޯޑް ލިބުނީ ކޮންމެ ގައުމަކުން އެއް ޒުވާނަކަށެވެ. އިންޑިއާއާއި ޕާކިސްތާނާއި ދެގައުމުގެ ތެރެއިން ކޮންމެ ގައުމެއްގެ ދެ ޒުވާނަކަށް އެވޯޑް ލިބުނެވެ.