ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އާދަޔާ ޚިލާފަށް ވައި ނުސާފުވުމުގެ ސަބަބުން ރަތް އެލާޓު ނެރެފި އެވެ.

މިއީ ވައި ނުސާފުވުމުގެ ސަބަބުން ރަތް އެލަރޓް ނެރުނު ފުރަތަމަ ފަހަރެވެ. މި އެލަރޓް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދަމަހައްޓާނެ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.

ވައިގެ ސަރަހައްދު ތަޣައްޔަރުވުމުގެ ސަބަބުން ކައިރި ތަންތަންވެސް ނުފެންނަ ކަަމަށްވެ އެވެ. ބެއިޖިންގްގައި ހުންނަ އެމެރިކާ އެމްބަސީ އިން ބުނެފައިވާ ގޮތުން ބެއިޖިންގްގެ ވައިގެ ކޮލިޓީ އުޅެނީ 250 ގަ އެވެ. މިއީ ވައިގެ ކޮލިޓީ ހުންނަން ޖެހޭ މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 10 ގުނަ މަތީ އަދަދެކެވެ.

އެހެންކަމުން ރަތް އެލާޓް ނެރެ، ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބުރާސްފަތި ދުވަހާ ހަމައަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެ ވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ވަކި އުސޫލެއް ކަނޑައަޅާފައިވާ އިރު، އުޅަނދުތަކުގެ ލައިސަންސް ޕްލޭޓު ނަމްބަރަށް ބެލުމަށް ފަހު، ވަކި ދުވަސްތަކެއްގައި ދުއްވޭނީ ވަކި އުޅަނދުތަކަކަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ކުނި އުފުލާ ޓްރަކްތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކުން މަގުތަކަށް ނެރޭ އުޅަނދުތަކުގެ އަދަދު 30 ޕަސެންޓް މަދުކުރުމަށްވެސް ވަނީ އަންގާފައެވެ.

ހަމައެއާއެކު، ހަވާއެރުވުމާއި ހާމައަށް ހުންނަ ތަންތަނުގައި ބާބަކިއު ހެދުން ފަދަ ކަންކަން ވަނީ މަނާކޮށްފަ އެވެ.

މުޅި ދުނިޔޭގެ ނިސްބަތަށް ބަލާ އިރު ވެސް ބެއިޖިންއަކީ އެންމެ ވައި ނުސާފު ސިޓީ ގޮތުގައި ބެލެވިފައިވާ އިރު، މި ހަފްތާގެ ތެރޭގައި ބެއިޖިންގްގެ ވައިގެ ކޮލިޓީ 500 އަށް މައްޗަށް އެރި ކަމަށް ވެސް ވެ އެވެ. ނަމަވެސް އޭރު ރެޑް އެލާޓް ނެރެފައި ނުވުމުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.