08 Dec 2015, 11:12
ދިވެހި ޕްރިމިއާ ލީގަށް ކަނޑައެޅި އެއް މިލިއަން ރުފިޔާއަކީ ހަމައެކަނި ލީގު ޗެމްޕިއަންކަން ހޯދާ ޓީމަށް ދޭން ކަނޑައެޅި ފައިސާ ނޫން ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
މިއަހަރު ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން ހޯދި ނިއުރޭޑިއންޓުގެ ބައެއް އޮފިޝަލުން ބުނެފައި ވަނީ އެއް މިލިއަން ރުފިޔާއަކީ ޗެމްޕިއަން ޓީމަށް ކަނޑައެޅި ފައިސާ ކަމަށް އެފްއޭއެމްއިން ބުނެފައިވާ ކަމަށެވެ. އަދި ބައެއް މީޑިއާތަކުގައި ވެސް ލީގު ޗެމްޕިއަނަށް އެއް މިލިއަން ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީ އެފްއޭއެމްގެ ހިންގުމާ ހަވާލުވެ އޭރުގެ ދިވެހި ލީގު، ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑު ކުރުމަށްފަހު މުޅި ލީގަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުއްވި ކަމަށާއި އެއީ ޗެމްޕިއަން ޓީމާ ދެ ވަނަ ޓީމުގެ އިތުރަށް ލީގު ގަދަ ހަޔަކުން ޖާގަ ހޯދާ ޓީމުތަކަށް ވެސް ވެސް ފައިސާގެ އިނާމެއް ދިނުމަށް ކަމަށެވެ.
ބައްސާމު ވިދާޅުވީ ލީގަށް ކަނޑައެޅި އެއް މިލިއަން ރުފިޔާ އާއި ބެހޭ ގޮތުން ބައެއް މީޑއާތަކަށާއި ބައެއް ކުލަބުތަކަށް ވެސް އޮޅިފައިވާ ކަމަށެވެ.
"މިކަން މިއޮޅުނީ ބައެއް ކުލަބުތަކަށް. ނަމަވެސް އެހެން ބައެއް ކުލަބުތަކަށް މިކަން އޮޅުފިލާފައި އެބަ ހުރި. ތިބޭފުޅުން ބައްލަވާ އެފްއޭމެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ޝަވީދު ދެއްވާފައި ހުރި އިންޓަވިއު ވިދާޅުވެފައި ވަނީ ލީގަށް އެއް ލިލިއަން ރުފިޔާ ކަނޑައެޅިފައިވާ ވާހަކަ އަދި ލީގުގެ ގަދަ ހަޔަކަށް ދާޓީމުތަކަށް ވެސް އެ އެއް މިލިއަން ރުފިޔާއިން ފައިސާގެ އިނާމު ދޭ ވާހަކަ. އަދި އޭރު އަޅުގަނޑުމެން ދަންނަވާފައިވާނެ ލީގުގެ ހަ ވަނައަށް ދާ ޓީމަށް ވެސް އެއް ލައްކަ ރުފިޔާއާ ގާތް ކުރާ އަދަދަކަށް ފައިސާގެ އިނާމު ލިބިގެންދާނެ ވާހަކަ،" ބައްސާމު ވިދާޅުވިއެވެ.
ލީގު ޗެމްޕިއަން ޓީމަށް ކިހާވަރެއްގެ ފައިސާގެ އިނާމެއް ލިބިގެންދާނެ ތޯ ސުވާލު ކުރުމުން ބައްސާމު ވިދާޅުވީ 350000 ރުފިޔާ ޗެމްޕިއަން ޓީމަށް ލިބިގެންދާނެ ކަމަށެވެ.
ބައްސާމު ވިދާޅުވީ ލީގުގެ ގަދަ ހައެއްގެ ޖާގަ ހޯދި ޓީމުތަކަށް އެފައިސާ ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށެވެ.