08 Dec 2015, 12:23
ބ. ކެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތް 29.2 މިލިއަން ރުފިޔާ އަށް، ސަރުކާރުން ހަވާލުކޮށްފައި ވަނީ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ އެވެ.
ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްޣައްފާރު ޤާސިމް ސަން އަށް ވިދާޅުވީ މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަބްދުލްޣައްފާރު ޤާސިމް ވިދާޅުވީ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޖޫން މަހު ހައުސިން މިނިސްޓްރީ އާއި ކެޕިޓަލް އިންވެސްޓްމަންޓް އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ އެވެ.
ކެންދޫގެ ބަނދަރުގެ ދިގުމިނުގައި 540 ފޫޓު އަދި ފުޅާމިނުގައި 180 ފޫޓު ހުރެ އެވެ.
އެއްބަސްވުމުގެ ދަށުން އެ ރަށު ބަނދަރުގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް ބްލޮކުން އެއްގަމުތޮށި ހެދުމާއި ކަނޑު ތޮށީގައި ބޮޑުހިލަޖެހުން ހިމެނެ އެވެ. އަދި ބަނދަރުކޮނެ ފުންކުރުމާއި ބަނދަރުގައި ލައިޓް ޖަހައި އަލިކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.