ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ 'ކޮޕް 21 ސަމިޓް' އަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް އެއްމެން އެއްބަސްވާ ގާނޫނީ އެއްބަސްވުމަކަށް އަންނަން ލިބޭނެ ފަހު ފުރުސަތުކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮޕް 12 ސަމިޓްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ޕެރިހުގައި އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ސަލާމަތް ވުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން ސަލާމަތް ވާން ބޭނުން ނަމަ އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ގޮތަކީ މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތައް އެޅުން. މި ނޫން ގޮތެއް ނެތް،" މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، މީގެ ކުރިން ދުވަހަކު ވެސް ކުދި ގައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރުނުކުރާ ވަރަށް މިހާރުކުރަމުންދާ ކަމަށެވެ. އެގޮތުން ޕެސިފިކް ގައުމުތަކަށް ރިކޯޑް އަދަދަކަށް ތޫފާން އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގައި މީގެ ކުރިން ދުވަހަކު ވެސް ފެންބޮޑުނުވާ ވަރަށް ފެން ބޮޑުވެ އުދައެރުން ފަދަ ކަންކަން ދިމާވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އުފުލަން ދޫކޮށްލުމަކީ ރައްކާތެރި މިންވަރެއް ނޫން ކަމަށާއި އަލަށް އެކުލަވާލާ ގާނޫނީ އެއްބަސްވުމުގައި ދުނިޔޭގެ ފިނިހޫނުމިން 2.1 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް ދަށްކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕެރިސް އެގްރިމެންޓްގެ ދިގު މުއްދަތުގެ އަމާޒަކަށް ވާންޖެހޭނީ ދުނިޔޭގެ ފިނިހޫނުމިން 2.1 ޑިގްރީ ސެލްސިއަސްއަށް ވުރެވެސް ދަށްކުރުން، އެއަށް މަގުފަހިވާ ގޮތަށް ކުރު މުއްދަތުގެ އަދި މެދު ރާސްތާގެ އަމާޒުތައް އެކުލަވާލަންޖެހޭނީ." މިނިސްޓަރު ވިދާޅުވި އެވެ.

އަދި ހުރިހާ ގައުމުތަކުން ވެސް 'ލޮސް އެންޑް ޑެމޭޖް' އާ ބެހޭ ގޮތުން އެކަށީގެންވާ އޮނިގަ ނޑެއް އެކުލަވާލަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.