ސިފައިންނާއި ފުލުހުންނަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަ ކުރަން ފުރުސަތު ނުދީ ރެކްރިއޭޝަނަލް މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލު 'ރާއްޖެ ޓީވީ'ގެ 'ކުޅިވަރި ފައިލް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއެކު އިއްޔެ ބޭއްވި މަޝްވަރާ ތަކުގައި އެފްއޭއެމުން ވެސް އޭގެ ސަބަބުތައް ހުށަހެޅުއްވި ކަމަށާއި އަދި އެ ދެފަރާތުން ވެސް އެ ހުށަހެޅުއްވުން ގަބޫލު ކުރެއްވި ކަމަށެވެ.

ބައްސާމު ވިދާޅުވީ ރަނގަޅު އަދަދެއްގެ ފައިސާގެ އިނާމާއެކު އޮފީސް ތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން އަންނަ އަހަރު ރެކްރިއޭޝަން މުބާރާތެއް ބާއްވާނެ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ފުލުހުންނާއި ސިފައިންގެ ކުޅިވަރުގެ އިސްފަރާތްތަކުގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ޕޮލިސް އަދި އެމްއެންޑީއެފް އެ ދައްކުވައިދެއްވީ ވަރަށް ރީތި ނަމޫނާއެކޭ. ކުޅިވަރުގައި ބައެއް ކަހަލަ ކަންކަން ދިމާވިޔަސް، ގަބޫލު ކުރަންޖެހޭ ބައެއް ކަހަލަ ކަންކަން އެބަހުރޭ. އެކަންކަން އެބޭފުޅުން ގަބޫލު ކުރައްވާ ވަރަށް ރީތި މިސާލެއް ދައްކަވައިގެން ޕޮލިސް އެމްއެންޑީއެފް ނުލައި ލީގު ކުރިއަށް ގެންދާ ގޮތަކަށް އެބޭފުޅުން ވެސް ހަމަ ފުރުސަތު އެ ދެއްވީ،" ބައްސާމު ވިދާޅުވިއެވެ.

މިއަހަރު ދެ ވަނަ ޑިވިޝަންގައި ވާދަ ކުރި ޕޮލިސް ކުލަބު ވަނީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ދެ ވަނަ ހޯދައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފްއިން ޖާގަ ހޯދާފަ އެވެ.

ޕްލޭއޮފް ކުޅެން ޖެހޭނީ ލީގުގެ ހަތް ވަނަ ހޯދި ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ.

ނަމަވެސް އެފްއޭއެމްގެ ނިންމެވެވުމުގެ ސަބަބުން ޕްލޭއޮފްގައި ބީޖީއާ ދެކޮޅަށް ނިކުންނާނީ ދެ ވަނަ ޑިވިޝަން ފުޓްބޯލަ މުބާރާތުގެ ތިން ވަނަ ހޯދި ކުލަބު ގްރީން ސްޓްރީޓެވެ.

މިހާރު ލީގްގެ ގަވާއިދު އޮންނަ ގޮތުން ލީގުގެ ފުލުގައި އޮންނަ ޓީމު ދެ ވަނަ ޑިވީޗަނަށް ރެލިގޭޓް ވާނެއެވެ. އަދި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެއެވެ.

މިއަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރު ކުރީ ޔުނައިޓަޑް ވިކްޓްރީއެވެ.